އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖަހައި ފަލަސްތީނުގެ ހަތަރު މީހުން ޝަހީދު ކޮށްލައިފިއެވެ.
މިއަދުގެ ފުރަތަމަ ހަމަލާގައި އިސްރާއީލު ސިފައިން ބަޑިޖަހާފައިވަނީ ހުޅަނގު އައްސޭރީގައި އިސްރާއީލުން ހަދާފައިވާ ޔަހޫދީ އާބާދީއަށް ވަންނަ މައި ދޮރާ ގާތުގައެވެ.
އިސްރާއީލު ސިފައިންގެ ދެމީހަކަށް ވަޅިން ހަމަލާ ދޭން އުޅުމުން ކަމަށްބުނެ ބަޑިޖަހައި ޝަހީދު ކޮށްލާފައިވަނީ އުމުރުން 23 އަހަރުގެ މުހަންމަދު ޒަހްރާން ނަމަކަށް ކިޔާ ޒުވާނެކެވެ.
ދެވަނަ ހަމަލާ ދީފައިވަނީ ހުޅަނގު އައްސޭރީގެ ހަބްރޫންގައެވެ. އިސްރާއީލުގެ އުދުވާނީ ސިފައިން ގާއިމްކޮށްފައިވާ ޗެކް ޕޮއިންޓެއްގައި ތިބި ސިފައިންނަށް އިސްކުރު ކަށިގަނޑަކުން ހަމަލާދޭން އުޅުމުން ކަމަށް ބުނެ ބަޑިޖަހައި ޝަހީދު ކޮށްލާފައިވަނީ އުމުރުން 25 އަހަރުގެ އިޔާދު އިދައިސަތު ނަމަކަށްކިޔާ ޒުވާނެއް ކަމަށް ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާއިން ހާމަކޮށްފައި ވެއެވެ.
ތިންވަނަ ހަމަލާ ދީފައިވަނީ އިރުމަތީ ގުދުސްގެ އެޑަމް ހަތަރުއަނގޮޅީގައެވެ. އިސްރާއީލުގެ އުދުވާނީ ސިފައިން ޖަހާފައިވާ ޗެކް ޕޮއިންޓަކަށް ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ކާރުން ޖައްސަން އުޅުމުން ކަމަށްބުނެ ބަޑިޖަހައި ޝަހީދު ކޮށްލާފައިވަނީ އުމުރުން 23 އަހަރުގެ ބިލާލް ޒައިދު ނަމަކަށްކިޔާ ޒުވާނެކެވެ.
އެންމެފަހުން އިސްރާއީލުގެ އުދުވާނީ ސިފައިން ހަމަލާދީފައިވަނީ، ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ޒުވާނުންނާއި އިސްރާއީލު ސިފައިންނާ ދެމެދު ހިނގި ވަރުގަދަ ކުރިމަތިލުންތަކެއްގެ ތެރޭގައެވެ. މި ކުރިމަތިލުންތަކުގައި އިސްރާއީލު ސިފައިން ބަޑިޖެހުމުގެ ސަބަބުން ޝަހީދު ވެފައިވަނީ ވިސާމް އަބޫ ޣުއެލާ ނަމަކަށްކިޔާ ޒުވާނެއް ކަމަށް ފަލަސްތީނުން ބުނެއެވެ.
ޚަބަރުތައް ބުނާގޮތުގައި، ގުދުސްއާއި ރާމަﷲ އާއި ދެމެދުގައި އޮންނަ ގަލަންދިއްޔާ ރެފިއުޖީ ކޭމްޕަށް އިސްރާއީލު ސިފައިން މިއަދު ވަދެގަތުމާ ގުޅިގެން ފަލަސްތީނުގެ ޒުވާނުންނާއި އިސްރާއީލު ސިފައިންނާ ދެމެދު ފެށުނު ވަރުގަދަ ކުރިމަތިލުންތައް އަދިވެސް ހުއްޓުމަކަށް ނާދެއެވެ. އިސްރާއީލު ސިފައިން އެ ކޭމްޕަށް ވަދެގަތީ ފަލަސްތީނުގެ ތިންމީހަކު ހައްޔަރު ކުރުމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.
ގަލަންދިއްޔާ ރެފިއުޖީ ކޭމްޕްގައި ހިނގަމުންދާ ވަރުގަދަ ކުރިމަތިލުންތަކުގައި އިސްރާއީލު ސިފައިން ބަޑިޖެހުމުގެ ސަބަބުން ފަލަސްތީނުގެ ހަތްމީހަކު ޒަޚަމްވެފައިވާ ކަމަށާއި، އޭގެ ތެރެއިން ދެމީހެއްގެ ބޮލަށް ވަޒަން އަރާފައިވާ ކަމަށް ފަލަސްތީނުން ބުނެއެވެ.
ފަލަސްތީނުގެ ޒުވާނުންނާއި އިސްރާއީލުގެ އުދުވާނީ ބާރުތަކާ ދެމެދު މިއަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ހުއްޓުމެއްނެތި ހިނގަމުންދާ ކުރިމަތިލުންތަކުގައި، އިސްރާއީލުގެ އަނިޔާވެރި ސިފައިން ބަޑިޖަހައި މިހާތަނަށް ފަލަސްތީނުގެ 129 މީހުން ޝަހީދު ކޮށްލާފައި ވެއެވެ. އޭގެ ތެރޭގައި، ކުޑަކުދިންނާއި އަންހެނުންވެސް ހިމެނެއެވެ.
ފަލަސްތީނުގެ ޒުވާނުން ދެމުން ގެންދާ ރައްދު ހަމަލާތަކުގައި އިސްރާއީލުގެ 19 މީހުން މަރާލާފައި ވެއެވެ. ކުރިމަތިލުންތަކުގެ ތެރޭގައި އިސްރާއީލުން ބަޑިޖެހުމުގެ ސަބަބުން އެމެރިކާ މީހަކާއި އެރިޓްރިއާ މީހަކުވެސް މަރުވެފައި ވެއެވެ.
މިއަދުވެސް ފަލަސްތީނުގެ 4 ޒުވާނުން ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ