ރައްޔިތުން މެމްބަރުން ހޮވުމަށްޓަކައި ވޯޓުދެނީ ވަކި ގޮތަކަށް ތިބެން ކަމަށާއި، ދެއިރު ދެޕާޓީއަށް ދާކަށް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.
ނިހާން މިގޮތަށް ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފިނަމަ މަޖިލީހުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓުގައި ނިހާން ވިދާޅުވީ، "ރައްޔިތުން ވޯޓުދެނީ ވަކި ގޮތަކަށް ތިބެން، ދެއިރު ދެ ޕާޓީއަކަށް ދާކަށް ނޫން" ކަމަށެވެ.
ސުޕްރީމް ކޯޓުގެ ނިންމުމަށް މިއަދުން ފެށިގެން ޢަމަލު ކުރުމަށް ނިންމާފައިވާއިރު، އެ ނިންމުމުގައި ވާގޮތުން ރައްޔިތުންގެ މަޖިލީހަށް މެންބަރަކު ހޮވޭއިރު ހުންނަ ޕާޓީން އެހެން ޕާޓީއަކަށް ބަދަލުވިޔަސް، ޕާޓީން ވަކިވިޔަސް، ވަކި ކުރިޔަސް އަދި އެހެން ޕާޓީއަކާ ގުޅުނަސް އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ.
ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވިދާޅުވެފައިވަނީ ރައްޔިތުން އިންތިހާބުކުރާ ފިކުރާ ހިލާފަށް ގޮނޑި ބަދަލުކުރުމަކީ މަސްލަހަތު ގެއްލިގެންދާނެ ކަމެއް ކަމަށެވެ.
މަސީހު މަޤާމުން ދުރުކުރުމުގެ މައްސަލަ ވެއްދުމުގައި އާއި ވޯޓާއި ދިމާކޮށް މެމްބަރުންނަށް ރިޝްވަތު ދެމުންދާކަމުގެ އަޑުތައް ފެތުރިފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފިނަމަ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވަނީ ދައުލަތުގެ ބަންޑާރަ ނައިބު މުޙައްމަދު އަނިލް އެވެ.
މިކަމާއި ގުޅިގެން ރާއްޖޭގައި އާއި ރާއްޖެއިން ބޭރުގައި ތިބި އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ކަންބޮޑު ވެފައިވާއިރު، އެފަރާތްތަކުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
އަދި ވަކި ޕާޓީއެއް ތަމްސީލު ކުރައްވުމަށްފަހު ރައްޔިތުންގެ އިތުބާރާއެކު ވޯޓު ހޯއްދަވައިގެން، އިންތިޚާބުވުމުން ޕާޓީ ބަދަލުކުރުމުގެ މިނިވަން ލިބެން ޖެހޭނެކަމަށް ބުނެ އެފަރާތްތަކުން ދަނީ އަޑު އުފުލަމުންނެވެ.
ރައްޔިތުން ވޯޓުދެނީ ދެއިރު ދެޕާޓީއަށް ދާކަށް ނޫން: ނިހާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ