ހުޅަނގު އައްސޭރީގެ ޖެނީން ރެފިއުޖީ ކޭމްޕްގައި އިސްރާއީލުގެ އުދުވާނީ ބާރުތަކުން ފަލަސްތީނު ދެމީހެއްގެ ގަޔަށް ބަޑިޖަހާ ޝަހީދު ކޮށްލައިފިއެވެ.
ފަލަސްތީނުގެ ކުއްލި އެހީދޭ ފަރާތްތަކުން ބުނެފައިވަނީ، ޝަހީދުވި ދެމީހުންގެ ތެރެއިން އެކަކު ނިޔާވީ ލިބުނު ޒަޚަމްތަކަށް ހޮސްޕިޓަލަށް ގެންދެވި ފަރުވާ ދެމުން ގެންދިނިކޮށް ކަމަށެވެ. އަނެއްމީހާ ވަގުތުން ޝަހީދުވި ކަމަށެވެ.
ފަލަސްތީނުގެ ރަސްމީ ނޫސް އޭޖެންސީ، ވަފާއިން ބުނެފައިވަނީ އިސްރާއީލު ސިފައިން ބަޑިޖަހައި ޝަހީދުކޮށްލި އެކަކީ އުމުރުން 21 އަހަރުގެ ސައާދު ސަލާހް ނަމަކަށްކިޔާ ޒުވާނެއް ކަމަށެވެ. އޭނާއަކީ ޖެނީން ސިޓީގެ ޒުވާނެއް ކަމަށާއި، އިސްރާއީލު ސިފައިންގެ ހަމަލާގައި ދެން ޝަހީދުވެފައިވަނީ ޖެނީން ރެފިއުޖީ ކޭމްޕަށް ނިސްބަތްވާ އުމުރުން 17 އަހަރުގެ ކުއްޖެއް ކަމަށްވާ އައުސް ސަލާމީ ކަމަށްވެސް ވަފާއިން ބުނެފައި ވެއެވެ.
ފަލަސްތީނުން ބުނެފައިވަނީ، އިސްރާއީލު ސިފައިން ބަޑިޖެހުމުގެ ސަބަބުން ފަލަސްތީނުގެ ތިންވަނަ މީހަކުވެސް ޒަޚަމްވި ކަމަށާއި، ވަޒަން އަރާފައިވަނީ އޭނާގެ ފަޔަށް ކަމަށެވެ.
އިސްރާއީލު ސިފައިން ބުނެފައިވަނީ، ސިފައިން ބަޑިޖެހީ ޖެނީން ރެފިއުޖީ ކޭމްޕްގައި ހަރަކާތްތެރިވަމުންދިޔަ ސިފައިންނަށް "ހަމަލާދިން މީހުންނަށް" ކަމަށާއި، އެގޮތުން އެމީހުން ސިފައިންނަށް ބަޑިން ހަމަލާދީ އަދި ގޮވާތަކެތިވެސް އުކިކަމަށް ބުނެފައި ވެއެވެ.
ފަލަސްތީނު މީހުންގެ ހަމަލާތަކުގައި އިސްރާއީލު ސިފައިންގެ އެއްވެސް މީހަކަށް ކަމެއް ނުވާކަމަށް އިސްރާއީލު އަސްކަރިއްޔާގެ ތަރުޖަމާނު ބުނެފައި ވެއެވެ.
2015 ވަނަ އަހަރުގެ އޮކްޓޫބަރުމަހު ފަލަސްތީނުގެ ޒުވާނުންނާއި އިސްރާއީލުގެ އުދުވާނީ ބާރުތަކާ ދެމެދު ފެށުނު ކުރިމަތިލުންތައް ދިގުދެމިގެން ގޮސްފައިވާއިރު، އިސްރާއީލު ސިފައިންވަނީ އޭގެފަހުން މިހާތަނަށް ބަޑިޖަހައި ފަލަސްތީނުގެ 277 މީހުން ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ދެޖިންސުގެ ޒުވާން ކުދިންނާއި ކުޑަކުދިންވެސް ހިމެނެއެވެ.
ފަލަސްތީނު ޒުވާނުންގެ ރައްދު ހަމަލާތަކުގައި އިސްރާއީލުގެ 42 މީހުން މަރާލާފައި ވެއެވެ.
އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖަހައި ފަލަސްތީނު ދެމީހުން ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ