މައުމޫން ސީދާ ހަރަކާތަށް ނިކުމެ ވަޑައިގަތުމުން ނަޝީދު މަރުހަބާ ވިދާޅުވެއްޖެ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގައުމަށްޓަކައި ސީދާ ހަރަކާތަށް މިއަދު ނިކުމެ ވަޑައިގަތުމުން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަހުސު އޮޅުވާލުމުގެ ދައުވާއާއި ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމަށް ފާރިސްގެ ބައްޕަ އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ކޯޓަށް ވަޑައިގަތުމާއި ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް މައުމޫނު ގައުމަށްޓަކައި ސީދާ ހަރަކާތަށް ނުކުމެވަޑައިގެންފި ކަމަށާއި އެކަމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.
މިވަގުތު އަވައްޓެރި ސްރީލަންކާގައި ހުންނެވި ރައީސް ނަޝީދު ވިދާޅުވީ މާތްﷲ އިރާދަފުޅުން މެމްބަރު ފާރިސް މައުމޫން ނުހިފެހެއްޓޭނެ ކަމަށެވެ.
މިއީ ރާއްޖޭގެ ޝަރުއީ ކޯޓެއްގައި ބާއްވާ އަޑުއެހުމަކަށް ރައީސް މައުމޫން ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ފާރިސްގެ މައްޗަށް މިދައުވާ އުފުލާފައިވަނީ އޭނާ ޕީޕީއެމްގެ މެންބަރު ކަމުން ވަކިކުރި ފަހުން ޕީޕީއެމްގެ ހުއްދައާ ނުލައި މިއަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހު މޫކައި ސްއިޓްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ދިދަ ބޭނުންކޮށްފައިވާ ކަމަށް ބުނެ އެވެ.
ފާރިސް ވަނީ ޝަހުސު އޮޅުވާލުމުގެ ދައުވާ އަށާއި މެންބަރުންނަށް ރިޝްވަތު ދެއްވި ކަމަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކުރައްވާފަ އެވެ.
ފާރިސްގެ މައްޗަަށް އުފުލާފައިވާ ޝަހުސު އޮޅުވާލުމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ