45 އާ ހިސާބުން ހުއްޓިގެން ނުވާނެ، 60 އަށް އަދަދު އަރަން ޖެހޭ: މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު 45 މެމްބަރުންގެ ސޮޔާ އެކު މަޖިލީހަށް ހުށަހެޅުމަކީ އިސްލާހީ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި އެ އަދަދު 60 އަށް އަރުވަން ޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ދެ ފަހަރަށް ފޭލްކޮށްލުމުން، މަޖިލީހުގެ މެޖޯރިޓީ މެމްބަރުންގެ ތާއީދާ އެކު ތިން ވަނަ ފަހަރަށް އެ މައްސަލަ ހުށަހެޅުން ފާހަގަކުރަން އިދިކޮޅު ފަރާތްތަކުން ކުނޫޒްގައި ބޭއްވި ޖަލްސާގައި މައުމޫން ވަނީ، އެ ކާމިޔާބީގެ ބައިވެރިންނަށް ޝުކުރު އަދާކުރައްވައިފަ އެވެ. މަސީހުގެ ވޯޓަކީ ގުޅިފައިވާ ޕާޓީތަކުން ކުރާ މަސައްކަތުގެ ފެށުމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މަސީހު ވަކިކުރަން ސޮއި ކުރެއްވި އަދަދަކީ 45 ނަމަވެސް މި އަދަދު 55 ނުވަތަ 60 އަށް އަރުވަން މަސައްކަތް ކުރަން މައުމޫން އެދިވަޑައިގެންނެވި އެވެ. އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއި ނުކުރައްވައި މިހާރު ތިއްބެވި މެމްބަރުން ވެސް އިސްލާހީ މަސައްކަތާ ގުޅިވަޑައިގަތުމަށް މައުމޫން ގޮވާލެއްވި އެވެ.
"މި އަދަދު 45 ހިސާބުން ހުއްޓިގެން ނުވާނެ. 50، ދާން ޖެހޭ، 55 އަށް ދާން ޖެހޭ 60 އަރުވަން ޖެހޭ. އަޅުގަނޑުމެންނަށް ކަންތައްތައް ކުރަން މަގުފަހިވާ ގޮތަށް އަދަދު އިތުރުކުރަން ޖެހޭ. ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ވަރަށް އިހުލާސްތެރިކަމާ އެކު ދަންނަވާލަން ބޭނުންވީ، 45 ގެ ތެރޭގައި ހިމެނިވަޑައިނުގަންނަވާ ބޭފުޅުން ވެސް މިކޮޅަށް ވަޑައިގަންނަވާށޭ. ގައުމަށް ޚިދުމަތް ކުރުމުގެ ދޮރު ތިޔަ ބޭފުޅުންނަށް ވެސް މިއޮތީ ހުޅުވިފައޭ،" މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މި ހުޅުވާލެވުނީ ދޮރެއް. އެ ދޮރު ހުޅުވާލެވުމުން އަޅުގަނޑުމެންގެ ކުރިމަތީގައި އެބައޮތް ވަރަށް ދިގު މަގެއް، ވަރަށް ފުޅާ މަގެއް. އެ މަގުން އެބަޖެހޭ އެއް ދުވަހުން އަނެއް ދުވަހަށް ކުރިއަށް ދާން."
އެމަނިކުފާނު ވިދާޅުވި ގޮތުގައި މިހާރު ފަށާފައިވާ މަސައްކަތް އެކުވެރިކަމާއި މިހާރަށް ވުރެ ވަރުގަދަ އަޒުމަކާ އެކުގައި ކުރިއަށް ގެންދަން ޖެހެ އެވެ. ހަތަރު ޕާޓީ ގުޅިގެން މަސައްކަތް ކުރާއިރު މައްސަލަަތަކެއް ނުކުމެދާނެ ކަމަށާއި އެކަންކަމާ މެދު ވިސްނައި މަޝްވަރާކޮށްގެން ހައްލު ހޯދުމުގެ ވިސްނުން ކުރިއަށް ނެރެން މައުމޫން އެދިވަޑައިގެންނެވި އެވެ.
މައުމޫން ވިދާޅުވީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އުޅެން ޖެހިފައި ވަނީ ހިތްހަމަނުޖެހުމާއި ބިރުވެރިކަމުގެ ތެރޭގައި ކަމަށެވެ. މިއީ އެކަކު ވެސް ބޭނުންވާނެ ގޮތެއް ނޫން ކަމަށާއި މިނިވަން މުއައްސަސާތަކާ ދޭތެރޭގައި އޮންނަ އިތުބާރު ވެސް ކުޑަވެފައިވާ ކަމަށް ވިދާޅުވި އެވެ.
"ގާނޫނާ އެއްގޮތަށް ކަންތައްތައް ދާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް. ގާނޫނުއަސާސީ އޮތީ އޮތް ތަނެއްގައި، އަބްދުﷲ ޝާހިދު އެ ވާހަކަ ވިދާޅުވި،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ދައްކަވަމުން ގެންދެވި ސީރިއަސް ވާހަކަފުޅުގެ ތެރެއިން ވަނީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު މިރޭ ދެއްކެވި ވާހަކަ އަށް ތައުރީފް ކުރައްވައިފަ އެވެ. މައުމޫންއާ އެކު ކުރިން މަސައްކަތް ކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގެންނެވި ޝާހިދަށް އިޝާރާތް ކުރައްވައި ވިދާޅުވީ "މިހާރު އެމަނިކުފާނުގެ ތަޖުރިބާ ވަރަށް މަތިވެއްޖެ، ވާހަކަ ދެއްކެވުމުގެ ފޯރި ވެސް ކުރިއަށް ވުރެން މާ ގަދަވެއްޖެ، އަދި އަޅުގަނޑަށް ހީވަނީ އެމަނިކުފާނުގެ ޒުވާންކަން ވެސް މާބޮޑަށް އިތުރުވެއްޖެހެން" ކަަމަށް ހިނިފުޅުވަޑުވަމުން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އިސްލާހީ މަސައްކަތުގައި ބޭނުން ވަނީ ޝާހިދު ފަދަ ހިޔާލު ތަނަވަސް، ޖޯޝާއި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުން ކަމަށެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން ސޮއި ކުރެއްވުމަށް ފަހު އިސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު އެކަން ދޮގުކުރެއްވުމުން ވެސް އެނގެނީ، މައުމޫން ވިދާޅުވި ގޮތުގައި، ބިރުވެރިކަން އޮތް މިންވަރުގެ ބޮޑު ކަމެވެ.
"މަޖުބޫރުވީ އެހެން ގޮތަކަށް ހައްދަވަން، އެއީ މި ދަންނަވާ ބިރުވެރި ކަމަކީ. މި ބިރުވެރިކަމަކީ އަޅުގަނޑުމެން ބޭނުންވާ ކަމެއް ނޫން. ކާކުތޯ ބޭނުން ވާނީ. އަޅުގަނޑުމެން ބޭނުން ވަނީ ދިވެހިރާއްޖެ އަކީ އަމާން ސުލްހަވެރި ތަނަަކަށް ވާން،" މައުމޫން ވިދާޅުވި އެވެ.
ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ބޯލަނބައި ތަބާވާން ޖެހެނީ، މައުމޫން ވިދާޅުވި ގޮތުގައި، އާދައިގެ ރައްޔިތު މީހާ އެކަންޏެއް ނޫނެވެ. ރައީސުލް ޖުމްހޫރިއްޔާ ވެސް ގާނޫނުއަސާސީ އަށް ބޯލަނބަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.
ޝަރުއީ ނިޒާމަށް ވެސް ރައްޔިތުންގެ އިތުބާރު ކުޑަ ކަން ފާހަގަކުރައްވަމުން ވިދާޅުވީ އެ ނިޒާމަށް ވެސް ރައްޔިތުންގެ އިތުބާރު ދަމަހައްޓަން ޖެހޭ ކަމަށެވެ. އިސްލާމްދީން ބިނާވެފައި އޮތީ އަދާލަތާއި އަދުލުވެރިކަމުގެ މައްޗަށް ކަން ގުރުއާނުން ދަލީލު ދައްކަވަމުން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވި ގޮތުގައި އިސްލާމީ ވެރިކަމެއްގައި އެންމެ ބޮޑަށް އިސްކަން ދޭން ޖެހެނީ އަދުލުވެރި ކަމާއި އިންސާފަށެވެ. އިންސާފު ނުލިބޭ ގޮތަށް އެއްވެސް ކަމެއް ނިންމުމަކީ ބޮޑުވެގެންވާ ހަރާމް ކަމެއް ކަމަށް ވިދާޅުވި އެވެ.
މައުމޫންގެ ވާހަކަފުޅު ނިންމާލެއްވީ ވެސް އިސްލާމީ އުސޫލްތަކުގައި ހިފަހައްޓައި ގާނޫނުއަސާސީ އާއި ގާނޫނުތަކަށް އެންމެން ބޯލަނބަން އެދިވަޑައިގަންނަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ