ރާއްޖޭގެ ހުރިހާ ރައްޔިތުން މި ކާމިޔާބީ އަށް ފަހުރުވެރި ވާނެ: ސަންޓޭ

އޭޝިއަން ބޮޑީ ބިލްޑިން މުބާރާތުން ރާއްޖެއަށް ރަން މެޑެއްޔެއް ލިބުމަކީ ހުރިހާ ރައްޔިތުން ފަހުރުވެރިވާނެ ކަމެއް ކަމަށް ގަބޫލު ކުރާ ކަމަށް މެޑަލް ހޯދައިދިން ޝާހީން އިބްރާހިމް ދީދީ (ޝާންޓޭ) ބުނެފި އެވެ. މުބާރާތް ނިންމާލުމަށް ފަހު ރަން މެޑެއްޔާ އެކު މާލެއިން ސަންޓޭ އަށް ހޫނު މަރުހަބާއެއް ވަނީ ކިޔައިފަ އެވެ. އެގޮތުން އޭނާގެ އުފަން ރަށް ކަމަށްވާ ގދ.ކޮނޑޭގެ ގިނަ ޒުވާނުންތަކެއް ވަނީ އޭނާ އަށް މަރުހަބާ ކިޔުމަށް އެއް ނަމްބަރު ޖެޓީ ކައިރިއަށް އެއް ވެފަ އެވެ. މާލެ އައުމަށް ފަހު ނޫސްވެރިންނަށް ދިން އިންޓަވިއު އެއްގައި ސަންޓޭ ބުނީ އޭނާގެ އެ ކާމިޔާބީ އަށް ޓަކައި މުޅި ގައުމު ފަހުރުވެރިވާނެ ކަމަށް އުންމީދު ކުރާ ކަމަށާއި މިއީ އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތަކުން ދިވެއްސަކަށް ރަންމެޑަލް ލިބުނު ފުރަތަމަ ފަހަރު ކަމަށެވެ. "މި ކާމިޔާބީ އަކީ ރާއްޖޭގެ ހުރިހާ ރައްޔިތުން އެކަމަކަށް ޓަކައި ފަހުރުވެރިވާން ޖެހޭނެ ވަރުގެ ކާމިޔާބީއެއް. މި ކާމިޔާބީ ހޯދުމުގައި އަޅުގަނޑަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ." ސަންޓޭ ބުންޏެވެ. ސަންޓޭ ބުނީ މި ކާމިޔާބީ އަކީ އަށް ގައުމެއްގެ ނުވަ އެތުލީޓުންނާ ވާދަކޮށް ހޯދި ކާމިޔާބީއެއް ކަމަށާއި ކުރި އޮތް ތާނގައި ވެސް މި ކުޅިވަރަކީ ސަރަހައްދީ ފެންވަރުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދިދާނެ ކުޅިވަރެއް ކަމަށެވެ. ސަންޓޭ ރަންމެޑަލް ހޯދާފައި ވަނީ އޭޝިއާގެ އެކި ގައުމުތަކުގެ ވަރުގަދަ ބޮޑީ ބިލްޑަރުންނާ ވާދަކޮށް 55 ކިލޯގެ ކެޓަގަރީންނެވެ. ޝާންޓޭއަކީ ކުރިން ވެސް އެ މުބާރާތުގައި ވާދަކޮށް، ރާއްޖޭގެ އެންމެ ކާމިޔާބު ބޮޑީ ބިލްޑަރުގެ ޝަރަފް ހޯދާފައިވާ އެތުލީޓެވެ. އޭނާ ވަނީ ކުރިން އެ މުބާރާތުގެ ގަދަ ފަހެއް ހޯދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ