އިސްތިއުނާފްގެ މަރުހަލާ ނުނިމެނީސް މާމިގިލި ދާއިރާގެ ބައި އިލެކްޝަން ނުބޭއްވުމަށް ގޮވާލައިފި

މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަށް ކޮށްފައިވާ ޖަލު ހުކުމުގެ އިސްތިއުނާފް މަރުހަލާ ނުނިމެނީސް މާމިގިލި ދާއިރާގެ ބައި އިލެކްޝަން ނުބޭއްވުމަށް އޭނާގެ ވަކީލުން ގޮވާލައިފި އެވެ.
ގާސިމްގެ ވަކީލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ގާސިމަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ކުރިނަމަވެސް މާމިގިލީ ދާއިރާގެ ގޮނޑި ހުސްވެއްޖެ ކަމަށް ގާނޫނީ ގޮތުން ބަލާނެ ޖާގައެއް ނެތް ކަމަށެވެ. އަދި ގާސިމަށް ކޮށްފައިވާ ހުކުމަކީ ގާނޫނު އަސާސީއާއި ކަމާ ގުޅުންހުރި އެހެނިހެން ގާނޫނުތަކާ ހިލާފަށް ޣައިރު ހާޒިރުގައި ޝަރީއަތްކޮށްގެން ކޮށްފައިވާ ހުކުމެއް ކަމަށްވާތީ، އެ ހުކުމް އިސްތިއުނާފްކުރަން ގާސިމް ނިންމަވާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ވަކީލުންގެ ބަޔާނުގައި ބުނެފައި ވަނީ އެއް އަހަރަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރި ނަމަވެސް އިސްތިއުނާފްކުރުމުގެ ހައްގު އޮތްހާ ހިނދަކު އެ މެމްބަރަކު ތަމްސީލްކުރާ ދާއިރާގެ ގޮނޑި ހުސްވެއްޖެ ކަމަށް ނުބެލެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ. އެހެން ކަމުން މެމްބަރުކަމުގެ ގޮނޑި ހުސްވެއްޖެ ކަމަށް ސުޕްރީމް ކޯޓުން ކަނޑަނާޅާ ހިނދަކު އެ ގޮނޑި ހުސްވެއްޖެ ކަމަށް ގާނޫނީ ގޮތުން ނުބެލެވޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ގާސިމްގެ ވަކީލުންގެ ބަޔާނުގައި ބުނެފައި ވަނީ އެ ހުކުމް އިސްތިއުނާފްކުރަން ނިންމާފައިވާތީ އެކަން މަޖިލީހުގެ އިދާރާއަށާއި އިލެކްޝަންސް ކޮމިޝަންގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ