ފަރުވާ ނިމުމުން އެންމެ ދުވަހަކު ވެސް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރާއްޖެއިން ބޭރުގައި ނުހުންނަވާނެ ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އަމީން މިހެން ވިދާޅުވީ ގާސިމްގެ ސިއްހީ ފަރުވާ ފުރިހަމަނުވި ނަމަވެސް އެނބުރި ވަޑައިގަތުމަށް އެންގުމުން އެމަނިކުފާނު ވަޑައިގެންފައި ނުވާތީ އެއީ ގާސިމް ފިއްލެވުން ކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.
އަމީން އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިއްލަވާ ވަރަށް ވުރެ ގާސިމްގެ ޒިންމާއާއި މަސްއޫލިއްޔަތު ބޮޑު ކަމަށެވެ. އަދި ފަރުވާ ނިމުމުން އެންމެ ދުވަހަކު ވެސް ގާސިމް ރާއްޖެއިން ބޭރުގައި ނުހުންނަވާނެ ކަމަށްވެސް އަމީން ވިދާޅުވިއެވެ.
ކަރެކްޝަނަލް ސާވިސްއިން ގާސިމް ފިއްލެވީ ކަމަށް ބުނެފައިވަނީ، ރާއްޖެ ވަޑައިގަތުމަށް އަންގައި ދިން މުއްދަތު ހަމަވިއިރު އެމަނިކުފާނު ވަޑައިގެންފައިނުވާތީއެވެ. ގާސިމް އިބްރާހީމް ފިއްލެވީ ކަމަށް ބުނާއިރު، ރާއްޖެއިން ހެދެން ނެތް ޓެސްޓުތަކެއް ހެއްދެވުމަށާއި ރާއްޖެއިން ލިބެން ނެތް ފަރުވާތަކެއް ހޯއްދެވުމަށް އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގަތީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ކަރެކްޝަނަލް ސާވިސްއިން ހުއްދަދީގެނެވެ.
ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ސިންގަޕޫރުގައި ގާސިމްގެ ހިތްޕުޅުގެ އޮޕަރޭޝަނެއް ކޮށްފައިވާއިރު، އެކަމުން ފަސޭހަނުވިޔަސް އެނބުރި ވަޑައިގަތުމަށް ސަރުކާރުން އެންގުމުން ގާސިމް ވަނީ ރާއްޖެ ވަޑައިގަތުމަށް ދެދުވަހެއްގެ މަތިން މަސައްކަތް ކުރައްވާފައެވެ. ނަމަވެސް އެމަނިކުފާނަކީ މެޑިކަލީ އަންފިޓް މީހަކަށްވާތީ މަތިންދާބޯޓަށް ނޭރުވޭނެ ކަމަށް ސިންގަޕޫރު އެއާލައިނުން ވަނީ އަންގާފައެވެ.
މިހުރިހާ ލިޔެކިޔުންތަކެއް ގާސިމްގެ ފަރާތްޕުޅުން ކަރެކްޝަނަލް ސާވިސްއަށް ހުށަހަޅުއްވާފައި ވުމުން އެމަނިކުފާނަކީ ފިއްލަވައިގެން އުޅުއްވާ ބޭފުޅެއް ނޫންކަން ސަރުކާރަށް ވަރަށް ރަގަޅަށް އެނގޭނެ ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއެވެ.
ފަރުވާ ނިމުމުން އެންމެ ދުވަހަކު ވެސް ގާސިމް ބޭރުގައި ނުހުންނަވާނެ - އަމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ