"ގާނޫނީ އަސާސީ ދެމެހެެއްޓުމަށް" ގޮވާލާ ގދ. ތިނަދޫގައި ހާއްސަ ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ.
މި ހިނގާލުން ކުރިއަށް ގެންދަން ނިންމާފައިވަނީ މިމަހުގެ އަށެއްވާ ހުކުރު ދުވަހުގެ ހަވީރު 4:00 ޖަހާއިރު އެވެ.
މިހިނގާލުން ފެށުމަށް ހަމަޖައްސާފައިވަނީ ތިނަދޫގައި ހުންނަ އެމްޑީޕީގެ މައި ހަރުގެ ކުރުމަތިންނެވެ.
މިހިނގާލުން އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވާ އޮފިޝަލަކު ވިދާޅުވީ ހުކުރު ދުވަހުގެ ހިނގާލުމަކީ ސިޔާސީ އެތައް ބޭފުޅަކު ނުހައްގުން ޖަލަށްލާފައިވާތީ އާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ތަފާތު ގޯނާތައް ކުރަުންދާތީ އެކަން ހުއްޓާލުމަށް ކުރިއަށް ގެންދާ ހިނގާލުމެއް ކަމަށެވެ.
މީގެއިތުރުން ގާނޫނު އަސާސީގައިވާ ގޮތަށް ގައުމުގެ ކަންކަން ހިންގުމަށާއި، ގާނޫނު އަސާސީގައި ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މިހިނގާލުމުގައި ގޮވާލާނެ ކަމަށްވެސް އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ.
"ބޮޑު އީދު ބަންދަށް ސިޔާސީ ހަރަކާތްތައް ކުޑަ ދުވަސްކޮޅަކަށް މެދު ކަނޑާލުމަށްފަހު އަލުން ހުކުރު ދުވަހުގެ ހަރަކާތާއެކު އަޅުގަނޑުމެން މިފަށަނީ ސިޔާސީ ހަރަކާތް،" އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖޭގައި އިސްލާހީ ހަރަކާތްތައް ފެށިގެން އައި ދުވަސްތަކުން ފެށިގެން މިއަދާ ހަމައަށްވެސް ތިނަދޫ އަކީ އިސްލާހީ ހަރަކާތްތަކުގައި ވަރަށް ބޮޑަށް ބައިވެރިވާ ރައްޔިތެއް ދިރިއުޅޭ ރަށެެއްކަން ފާހަގަކުރެވެ އެވެ.
މިސަރުކާރުން އަތޮޅު ތެރޭގެ ރަށެއްގައި ކުރިއަށް ގެންދާ ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ތިނަދޫގައި ހިންގަމުންދާއިރު ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ތިނަދޫ ރައްޔިތުން ވަނީ ވެރިކަން ކުރާ ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނެ އެމްޑީޕީގެ ކެންޑިޑޭޓުން ރަށު ކައުންސިލަށް އިންތިހާބުކޮށްފަ އެވެ.
"ގާނޫނީ އަސާސީ ދެމެހެެއްޓުމަށް" ގޮވާލާ ތިނަދޫ ރައްޔިތުން ނިކުންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ