ނަޝީދާ ބައްދަލުކޮށް ވަކީލުން ސަކަރާތް ޖަހާކަން ވަނީ ފާހަގަވެފައި: މިނިސްޓަރު އުމަރު
ތޭރަ އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލު ކުރެއްވުމަށް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަޑައިގެން ސަކަރާތް ޖެހުމާއި ހީ ސަމާސާ ކުރުމާއި ނަޝީދު ފޫހިފިލުވައި ދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަން ވަނީ ފާހަގަކުރެވިފައި ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހަސަން ލަތީފަށް އެޑްރެސްކޮށް މި މަހުގެ ތިން ވަނަ ދުވަހު އުމަރު ސޮއިކުރައްވައި ފޮނުއްވާފައިވާ ސިޓީއެއްގައި ވިދާޅުވެފައި ވަނީ ގާނޫނީ ވަކީލުންނާ ބައްދަލު ކުރެއްވުމަށް ލިބިދޭ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިތްޕެވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. "ފަހަކަށް އައިސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ގާނޫނީ މަސައްކަތް ކުރައްވަން ކަމަށް ވިދާޅުވެ ކޮންމެ ދުވަހަކު އެމަނިކުފާނުގެ އަރިހަަށް [ރައީސް ނަޝީދު އަރިހަށް] ކުރައްވާ ޒިޔާރަތުގައި ކުރައްވަމުން ގެންދަވާ މަސައްކަތަކީ ސަކަރާތް ޖެހުމާއި ހީ ސަމާސާ ކުރުމާއި އެމަނިކުފާނުގެ މުނިފޫހި ފިލުވާ ދިނުމުގެ މަސައްކަތްކަން އަޅުގަނޑަށް ވަނީ ފާހަގަ ކުރެވިފައި އެވެ،" ހަސަން ލަތީފަށް ހޯމް މިނިސްޓަރު ފޮނުއްވެވި ސިޓީގައި ވަނީ ވިދާޅުވެފަ އެވެ. ހޯމް މިނިސްޓުރީގެ މީޑީއާ ކޯޑިނޭޓަރު ތަޒްމީލް އަބްދުލް ސަމަދު "ސަން" އަށް މިރޭ ވިދާޅުވީ އެފަދަ ސިޓީފުޅެއް މިނިސްޓަރު ފޮނުއްވާނީ ކަމުގެ ހަގީގަތް ބެއްލެވުމަށް ފަހުގައި ކަމަށެވެ. އަދި ގައިދީން ބައިތިއްބާ ކަރެކްޝަނަލް ސާވިސްއަކީ ހޯމް މިނިސްޓަރުގެ ބެލުމުގެ ދަށުގައި ހުންނަ ތަނެއް ކަމަށާއި އެފަދަ ތަނެއްގައި ކަންތައްތައް ހިނގަމުން ދަނީ "ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންތޯ" ބެލުމަކީ މިނިސްޓަރުގެ ޒިންމާއެއް ކަމަށް ތަޒްމީލް ވިދާޅުވި އެވެ. "މިނިސްޓަރު ސިޓީ ފޮނުވުމުގެ ބޭނުމަކީ ގާނޫނީ ވަކީލުންގެ ޒިންމާ އެބޭފުޅުންނަށް ހަނދާންކޮށްދިނުން. އެއްގޮތަކަށް ވެސް ސަކަރާތް ނުޖެހޭނެއެކޭ މިނިސްޓަރު ވިދާޅެއް ނުވޭ. މައިގަނޑު ބޭނުމަކީ ގާނޫނީ ވަކީލުންގެ ޒިންމާ އާއި ވާޖިބު ހަނދާންކޮށްލަދިނުން،" ހޯމް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވި އެވެ. ކުރީގެ ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައި ވަނީ، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ދައުލަތުން އެމަނިކުފާނުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ