ދެ އަހަރު ނުވާ ކުދިންނަށް އެއްވެސް ވަރަކަށް ހަކުރު ދީގެން ނުވާނެ

އުމުރުން ދެ އަހަރު ނުވާ ކުދިންނަށް، ހަކުރު އަޅާފައި ހުންނަ އެއްވެސް އެއްޗެއް ދީގެން ނުވާނެ ކަމަށް އެމެރިކަން ހާޓް އެސޯސިއޭޝަނުން ބުނެފި އެވެ. އެ އެސޯސިއޭޝަނުން ބުނީ އުމުރުން ދެ އަހަރާއި ދޮޅު އަހަރާ ދެމެދުގެ ކުދިންނަށް ދުވާލެއްގެ މައްޗަށް، ކާނާގައި ގުދުރަތީ ގޮތުން ހިމެނޭ ހަކުރުގެ އިތުރުން ހަ ސަމުސާ ހަކުރަށް ވުރެ ގިނައިން ދީގެން ވެސް ނުވާނެ ކަމަށެވެ.
ހަ ސަމުސާ ހަކުރަކީ 100 ކެލަރީސް ނުވަތަ 25 ގްރާމްގެ ހަކުރެވެ.
ދިރާސާގައި އިސްކޮށް ހުންނެވި، އިމޯރީ ޔުނިވަސިޓީ ސްކޫލް އޮފް މެޑިސިންގެ ނިއުޓްރިޝަން ސައިންޓިސްޓް އަދި އެސޯސިއޭޓް ޕްރޮފެސާ އޮފް ޕީޑިއޭޓްރިކްސް ޑރ. މިރިއަމް ވޮސް ވިދާޅުވެފައި ވަނީ އެމެރިކާގައި ކުޑަކުދިން މިހާރު ހަކުރު ބޭނުންކުރާ މިންވަރު، މި މިންގަނޑަށް ވުރެ އެވްރެޖް ގޮތެއްގައި ތިން ގުނަ އިތުރު ކަމަށެވެ.
"ގިނަ ކުދިންނަށް، އެއްވެސް ގޮތަކަށް ހަކުރު ބޭނުން ނުކުރުމަކީ ސިއްހަތަށް ފައިދާހުރި އަދި ކުރެވިދާނެ ކަމެއް،" ވޮސް ވިދާޅުވެފައިވެ އެވެ.
ގިނައިން ހަކުރު އަޅާފައި ހުންނަ ކާނާ ކުޑަކުދިން ގިނައިން ބޭނުންކުރުމަކީ އެކަށީގެންވާ ވަރަށް ވުރެ ފަލަވުމާއި ލޭމައްޗަށް ދިއުމާއި ހިތުގެ ބަލިތަކަށް ވެސް މަގު ފަހިވާ ކަމެކެވެ.
ކާތަކެއްޗަށް އަޅަން އާންމުކޮށް ބޭނުންކުރާ ހަކުރާއި ފްރުކްޓޯސް އަދި މާމުޔަކީ އެ ހުރި ގޮތަށް ބޭނުންކުރުމުން ނުވަތަ ޕްރޮސެސް ކޮށްގެން ކާނާ އުފެއްދުމުގައި ބޭނުންކުރިޔަސް "އެޑެޑް ޝުގަ"ގެ ގޮތުގައި ބެލޭނެ އެވެ.
ގިނައިން ހަކުރު އަޅާފައި ހުންނަ ކާނާ ގިނައިން ބޭނުންކުރާ ކުދިން ސިއްހަތަށް ފައިދާހުރި ކާނާ ކެއުން މަދުވާ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ. އެގޮތުން މޭވާ އާއި ތަރުކާރީ ގޮވާން ފަދަ ތަކެތި އެ ކުދިން ކަނީ މަދުންކަން ދިރާސާތަކުން ވަނީ ފާހަގަވެފަ އެވެ. އަދި ހަކުރު ހުންނަ ކާނާ ގިނައިން ކައި އުޅޭ ކުދިންނަށް ޓައިޕް 2 ޑައެބެޓީސް ޖެހުމުގެ ނުރައްކާ ބޮޑުކަން ވެސް ފާހަގަވެފަ އެވެ.
ވޮސް ވިދާޅުވީ ކުޑަކުދިންނަށް ހާއްސަކޮށް މާކެޓްކުރާ ކާނާ އާއި ބުއިންތަކުގައި ގިނަ އަދަދަކަށް ހަކުރު ބޭނުންކޮށްފައި ހުންނައިރު، ކުދިންނަށް ހަކުރު ދޭން ރައްކާތެރި މިންގަނޑަކީ ކޮބައިކަމާ މެދު ބެލެނިވެރިންނަށް ވަރަށް ބޮޑަށް ސުވާލު އުފެދިފައި އޮންނަ ކަމަށެވެ.
އޭނާ ވިދާޅުވީ ހަކުރުގެ ސަބަބުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރާއި ކުޑަކުދިންގެ ހެދިބޮޑުވުމަށް އެޅޭ ހުރަސް ސައިންސުން ކަށަވަރުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ