ވަރަށް އަވަހަށް އިތުރު މަޖިލިސް މެމްބަރުންތަކެއް ޕީޕީއެމްއަށް ސޮއި ކުރައްވާނެ: މައުމޫން

ވަރަށް ކައިރި މުސްތަގުބަލެއްގައި މިހާރު ޕީޕީއެމްގައި ހިމެނިވަޑައި ނުގަންނަވާ އިތުރު ރައްޔިތުންގެ މަޖިލީސް މެމްބަރުންތަކެއް ޕީޕީއެމް އަށް ސޮއި ކުރައްވާނެ ކަމަށް އެ ޕާޓީގެ އިންތިގާލީ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ހަތަރު އަތޮޅަކަށް ނިސްބަތްވާ ނުވަ ކައުންސިލަރަކު ޕީޕީއެމް އަށް ސޮއިކުރެއްވުމަށް ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ އިތުރު ގޮނޑިތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި ހުސްވާނެ ކަމަށާއި އެގޮނޑިތައްވެސް ޕީޕީއެމުން ފަސޭހަ ކަމާއިއެކު ކާމިޔާބުކޮށް މަޖިލީހުގެ ތެރޭގައި އެންމެ މެންބަރުން ގިނަ ޕާޓީއަކަށް އެ ޕާޓީވާނެ ކަމަށެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ އަށް އިޝާރާތް ކުރައްވާ މައުމޫން ވިދާޅުވީ ޕާޓީގެ ރިޔާސީ ޕްރައިމަރީ ކިތަންމެ ވާދަވެރިކޮށް ދިޔަ ނަމަވެސް ޕްރައިމަރީ އަށްފަހު ޕާޓީގެ ތެރޭގައި އެއްވެސް ބައިބައިވުމެއް ނުވަތަ ހަމަނުޖެހުމެއް ނޯންނާނެ ކަމަށެވެ. އަދި ޕީޕީއެމް އަކީ ސިޔާސީ ގޮތުން ތަސައްރަފު ފުދިފައިވާ ނަމޫނާ ޕާޓީ އެއްކަން ރައްޔިތުންނަށް ސާބިތުކޮށްދެއްވާނެ ކަމަށްވެސް މައުމޫން ވިދާޅުވި އެވެ. އަދި ވިދާޅުވީ ޕްރައިމަރީ ބާއްވާނީ ވަރަށް މިނިވަން އިންސާފުވެރި މާހައުލެއްގައި ކަމަށާއި އެ އިންތިޚާބު ކާމިޔާބު ކުރައްވާ ބޭފުޅެއްގެ ފަހަތުގައި ހުރިހާ މެމްބަރުންވެސް ތިބޭނެ ކަމަށެވެ.
"ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހުގެ އިތުރު މެމްބަރުން ޕީޕީއެމް އަށް ސޮއިކުރައްވާނެ. ކުރިއަށް އޮތްތަނުގައި މަޖިލީހުގައި އެންމެ ބޮޑު ޕާޓީ އަށް ޕީޕީއެމް ވެގެންދާނެ. އަދި ދަންނަވަން ބޭނުން އަޅުގަނޑުމެންގެ ރިޔާސީ ޕްރައިމަރީ މިދަނީ ވަރަށް ވާދަވެރިކޮށް. އެހެން ނަމަވެސް ޕްރައިމަރީ އަށްފަހު ޕާޓީގެ ތެރޭގައި އެއްވެސް ބައިބައިވުމެއް ނޯންނާނެ. އަޅުގަނޑުމެން މިތިބީ ސިޔާސީ ގޮތުން އެއަށްވުރެ މާ ބޮޑަށް ތަސައްރަފް ފުދިފައި،" ޕީޕީއެމްގެ ރައީސްކަމަށްވެސް ކުރިމަތިލައްވާފައިވާ މައުމޫން ވިދާޅުވި އެވެ.
މިއަދު ޕީޕީއެމް އާ ގުޅުނު ކައުންސިލަރުންނަކީ އއ. މަތިވެރި ދާއިރާގެ އަތޮޅު ކައުންސިލަރު އަބްދުﷲ ލުތުފީ އާއި، ކ. ހިންމަފުށީ ކައުންސިލްގެ ރައީސް ޝާން އިބްރާހިމް އާއި، ނައިބު ރައީސް އަހުމަދު ހަމީދު އާއި، އެރަށު ކައުންސިލްގެ މެމްބަރު އަހްމަދު ސިރާޖު އާއި، މޫސާ ޔަހުޔާ އާއި، މުހައްމަދު އިސްމާއިލް ގެ އިތުރުން އެރަށު ކައުންސިލް މެމްބަރު އިބްރާހިމް ޒަހީމް އެވެ. މީގެ އިތުރުން ރ. އަނގޮޅިތީމު ކައުންސިލްގެ މެމްބަރު އަލީ އިބްރާހިމް އާއި، ތ. ކަނޑޫދޫ ކައުންސިލްގެ މެމްބަރު މުހައްމަދު އާމިރުވެސް މިއަދު ޕީޕީއެމްއާ ގުޅުނެވެ.
ކ. ހިންމަފުށީ ފަސް ކައުންސިލަރުންގެ އިތުރުން އެރަށުގައި މީގެ ކުރިން ޑީއާރުޕީ ކުރިއަރުވަން މަސައްކަތްކުރައްވާ އެރަށުގެ ނުފޫޒުގަދަ ހަތަރު ބޭފުޅަކުވެސް މިއަދު ވަނީ ޑީއާރުޕީން ވަކިވެ ޕީޕީއެމް އަށް ސޮއިކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ