ގާސިމް މިނިވަން ކުރުމަކީ ރައީސްގެ ޒިންމާއެއް: އަމީން

ރައީސުލްޖުމުހޫރިއްޔާއަށް ލިބިދޭ ބާރުތަކާއި އިޚުތިޔާރުތައް އަދި މަސްއޫލިއްޔަތުތަކެއް ވާއިރު، ޤާނޫނާއި ޚިލާފަށް ޤާސިމް އިބްރާހިމް ޖަލުގޮޅީގައި ބަންދުކޮށްފައިވާއިރު، އެ އަނިޔާއިން ސަލާމަތްކުރުމަކީ ރައީސުލްޖުމުހޫރިއްޔާގެ ޒިންމާއެއްކަމަށް އެމްޔޫއީގެ ޝެޑޯކެބިނެޓް މިނިސްޓަރ އަބުދުﷲ އަމީން ވިދާޅުވެއްޖެއެވެ.
މ. ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން އަބުދުﷲ އަމީން ވިދާޅުވީ، ޤާނޫނުގެ ވެރިކަން ކުރިއަރުވައި ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކުރުމަކީ ރައީސުލް ޖުމްހޫރިއްޔާއަށް ލާޒިމް ކަމެއްކަމަށެވެ.
އަމީން ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަންވެސް ގެއްލިފައިވާއިރު އެކަންކަން ދިފާއުކޮށް އެކަންކަން އިއާދަކޮށްދިނުމަކީ ރައީސްގެ މަސްއޫލިއްތެއް ކަމަށެވެ.
އަދި އެފަދަ ކަންކަމާއިމެދު ކަންކަން ރައްޔިތުންނަށް ކަށަވަރު ކޮށްދެއްވުމަށް މުއައްސަސާތަކުން މަސައްކަތް ކުރަމުންދޭތޯވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވަންޖެހޭނެ ކަމަށެވެ. އަދި އެކަން ނުކުރައްވައި މިހާރު މިހިނގަމުންދާ ޣައިރު ޤާނޫނީ ކަންކަމުގެ ހުރިހާ ޒިންމާއެއް މިސަރުކާރުން އަދި ޚުދު ރައީސުލް ޖުމްހޫރުއްޔާ އުފުއްލަވަން ޖެހިވަޑައިގަންނަވާނެ ކަމަށްވެސް އަމީން ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހްމަދު އަދުހަމް ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކާމިޔާބީ ލިބުމުގެ ފަހަތުގައި ގުޅިފައިވާ ޕާޓީތަކުގެ ހަތަރު ލީޑަރުން ހިމެނޭކަމަށެވެ.
އަދުހަމް ވިދާޅުވީ، ކައުންސިލް އިންތިޚާބުގައި އިދިކޮޅު ފަރާތްތަކުން ހޯދި ކާމިޔާބީގައި ހަތަރު ލީޑަރުންގެ ދައުރު ވަރަށްބޮޑު ކަމަށާއި، އެކަމަށްޓައި އެބޭފުޅުންނަށް ޝުކުރު ދަންނަވާކަމަށެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާ މިގޮތަށް ނުކުންނަން ދިމާވި އަނެއް ސަބަބަކީ ދިވެހިރައްޔިތުންގެ ލޯބި ހޯދަން ނޭނގި ރައްޔިތުންނަށް އަނިޔާވެރިވުމުން ކަމަށް ވިދާޅުވެ އަދުހަމް ވިދާޅުވީ ބިރުދައްކައިގެން ބަރުހަތިޔާރުން ރައްޔިތުންނަށް ބާރުދައްކައި ވަޒީފާގެ ބިރުދައްކައިގެން ވޯޓެއް ނުލިބޭނެ ކަށެވެ.
ނަމަވެސް މިގޮތަށް ކަންކަން ކޮށްގެން ރައްޔިތުންގެ ވެރިކަން ނުކުރެވޭނެ ކަމަށާއި، ރައްޔިތުންގެ ވެރިކަމެއް ކުރެވޭނީ ރައްޔިތުންނާއި އެއްހަމައަށް ޖެހިގެން ކަމަށެވެ.
އަދުހަމް ވިދާޅުވީ ސަރުކާރުގައި ތިއްބެވި އިސްވެރިންގެ ދާއިރާތަކުން މިއަދު ޕީޕީއެމްއޮތީ ފެއިލްވެފައި ކަމަށާއި، އެހެންކަމުން ސެމީފައިނަލުން ކެޓުމުން ފައިނަލްގައި ކުޅެވޭނެ ގޮތެއް އޮންނާނީ ކޮންހަމައަކުންކަން އެނގިވަޑައި ނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ