ތައުލީމީ ދާއިރާގެ މުވައްޒަފުނަށް މުސާރަ ދިނުމަށް އިތުރަށް 124 މިލިއަން ރުފިޔާ ބޭނުންވޭ: މިނިސްޓަރު

ދައުލަތުގެ ބަޖެޓުގައި ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން އެދުނު ފައިސާގެ ތެރެއިން 300 މިލިޔަން ރުފިޔާ އުނިކޮށްފައި ވާތީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށާއި މިނިސްޓްރީގެ ބެލުމުގެ ދަށުގައި ތިބި މުވަޒަފުން އަދަދަށް މުސާރަ ދިނުމަށް ވެސް އިތުރު 124 މިލިޔަން ރުފިޔާ ބޭނުން ވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދު ވިދާޅުވެއްޖެ އެވެ.
~
ވެލާނާގޭ ޕްރެސް ރޫމްގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ އާސިމް އިއްޔެ ވިދާޅުވީ ދައުލަތުގެ ބަޖެޓުން އެޑިއުކޭޝަން މިނިސްޓްރީ އަށް ކަޑައަޅާފައި ވަނީ 1.93 ބިލިޔަން ރުފިޔާ ކަމަށާއި އެއީ މިދިޔަ އަހަރަށް ވުރެ 268 މިލިޔަން ރުފިޔާ ކުޑަ އަދަދެއް ކަމަށް ޑރ. އާސީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހުށަހެޅި ބަޖެޓުން ރައްޔިތުންގެ މަޖިލީޙުން ބަޖެޓް ފާސްވެގެން އައިރު ވަނީ 300 މިލިޔަން ރުފިޔާ އުނި ކޮށްފަ. އަޅުގަނޑުމެންނަށް ކަޑައަޅާފައިވާ ބަޖެޓަކީ 1.93 ބިލިޔަން ރުފިޔާ. އެއީ މިދިޔަ އަހަރަށް ވުރެ 268 މިލިޔަން ރުފިޔާ ކުޑަ އަދަދެއް،" ޑރ އާސިމް ވިދާޅުވި އެވެ.
އާސިން ވިދާޅުވީ ބަޖެޓް ކުޑަ ވުމުގެ ސަބަބުން އެންމެ ބޮޑެތި ގޮންޖެހުމަކާ ކުރިމަތިލާން ޖެހޭނީ އޮފީސް ހަރަދުތަކާއި މުވައްޒަފުންގެ މުސާރަ އާއި ދަތުރުފަތުރުގެ އިތުރު "ވަގުތުގެ ފައިސާ"ގެ ބައިން ކަމަށެވެ. "އަޅުގަނޑުމެން ބަޖެޓުން އެންމެ ބޮޑު ބައެއް އުނި ކުރެވިފައި ވަނީ ރިކަރަންޓްގެ ބައިން. އެހެން ވުމުގެ ސަބަބުން އަޅުގަނޑުމެންނަށް މުވައްޒަފުންގެ މުސާރަ އާއި ދަތުރުފަތުރާއި އިތުރު ވަގުތުގެ ފައިސާގެ ބައިން ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތި ވާނެ،"
އާސިމް ވިދާޅުވީ މި އަހަރު ބަޖެޓުން ބޮޑު ބައެއް އުނި ކުރުމުގެ ސަބަބުން އެންމެ ބޮޑު ގޮންޖެހުމަކާއި ކުރިމަތިލާން ޖެހޭނީ މުޒަފުންނަށް މުސާރަ ދިނުމުގެ ކަންތައް ތަކުގައި ކަމަށެވެ.
އެގޮތުން މިހާރު މުވަޒަފުން ތިބި އަދަދަށް މުސާރަ ދިނުމަށް ވެސް އިތުރު 124 މިލިޔަން ރުފިޔާ ބޭނުން ވާނެ ކަމަށް އާސިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ބަޖެޓް ކުޑަވުމުން އެންމެ ބޮޑަށް ކަންބޮޑުވަނީ ޓީޗަރުންގެ މަދުކުރަންޖެހޭތީ ކަމަށެވެ. ސަބަބެއް ކަމަށް އާސިމް ވިދާޅުވީ ތައުލީމީ ދާއިރާގައި އެންމެ ގިނަ ބަޔަކު މަސައްކަތް ކުރަނީ ޓީޗަރުންގެ ގޮތުހައި ކަމަށް ވާތީ ކަމަށެވެ.
"ޓީޗަރުންގެ އަދަދު މަދުކުރުމަކީ ކުރެވޭނެ ކަމެއް ނޫން. އަދި މި ދާއިރާގައި އެންމެ ގިނަ ބަޔަކީ ވެސް ޓީޗަރުން. އެހެންވެ، އެމީހުންގެ އޯވަޓައިމް ފައިސާ ކުޑަކޮށްފި ނަމަ މަސައްކަތަށް އަސަރު ކުރާނެ. އަދި އޭގެ ނޭދެވޭ އަސަރު ދަރިވަރުންގެ ތައުލީމަށް ކުރާނެ. އެހެންވެ އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރާނަން މި ފައިސާ އިތުރުކުރެވޭތޯ،" ޑރ. އާސިމް ވިދާޅުވި އެވެ.
މީހެ އިތުރުން އާސިމް ވިދާޅުވީ ބަޖެޓުން ބޮޑު ބައެއް އުނި ކުރެވިފައިވީ ނަމަވެސް ޕީއެސްއައިޕީގެ ބައި މި އަހަރުގެ ބަޖެޓުގައި އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން ޕީއެސްއައިޕީގެ ބަޔަށް މި އަހަރުގެ ބަޖެޓުގައި 183 މިލިއަން ރުފިޔާ ހިމަނާފައިވާ ކަމށް އާސިމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ގޮތުގައި ޕީއެސްއއިޕީގެ ބަޖެޓުން 80 ޕަސެންޓް ހަރަދު ކުރުމަށް ހަމަޖެހިފައި ވަނީ ރަށްރަށުގެ ސްކޫލުތަކުގެ ފެންވަރު ރަނގަޅުކޮށް، އެއް ދަންފަޅިއަކަށް ސްކޫލުތަކުގެ ކިޔެވުން ބަދަލުކުރުމަށް ކަމަށެވެ.
މީގެ އިތުރުން ޑރ. އާސިމް ވިދާޅުވީ މިއަހަރު ތެރޭގައި އަތޮޅު ތެރޭގެ ރަށްތަކުގެ 33 ސްކޫލެއް އެއް ދަންފަޅިއަށް ކިޔެވުން ބަދަލު ކުރާނެ ކަމަށާއި އެހެން ނަމަވެސް މާލޭގެ އެއްވެސް ސްކޫލެއް މިއަހަރު އެއް ދަންފަޅި އަށް ބަދަލު ނުކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ މާލޭގެ ސްކޫލް ތައް އެއް ދަންފަޅިއަށް ބަދަލު ކުރުމުގެ ބަދަލުގައި މިހާރު މާލެއަށް ބޭނުން ވަނީ އާ ސްކޫލެއް ކަމަށެވެ.
"ރާއްޖޭގައި 221 ސްކޫލު ހުންނަ އިރު މިދިޔަ އަހަރުން ފެށިގެން މިހާތަނަށް 117 ސްކޫލެއްގެ ކިޔެވުން ވަނީ އެއް ދަންފަޅި އަށް ބަދަލުކޮށްފަ. މިއަހަރު ރައްރަށުގެ 33 ސްކޫލެއް އެއް ދަން ފަޅިއަށް ބަދަލު ކުރެވޭނެ. އެހެން ނަމަވެސް މާލޭގެ އެއްވެސް ސްކޫލެއް އެއް ދަންފަޅިއަށް ބަދަލެއް ނުކުރެވޭނެ. އޭގެ ބަދަލުގައި މާލެއަށް ބޭނުން ވަނީ އާ ސްކޫލެއް،" މިނިސްޓރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ