ފްލައިން ސްކޫލް ހިންގުމަށް އައްޑޫ އެއާޕޯޓުން ތަންދިނުމަށް އެއްބަސްވެއްޖެ

އައިލެންޑް އޭވިއޭޝަނާއި ގައުމީ ޔުނިވާސިޓީ ގުޅިގެން އުފައްދާ ފްލައިޓް ޓްރޭނިން ސްކޫލު ހިންގުމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ތަންދިނުމަށް ދެފަރާތުގެ ދެމެދުގައި މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ނައިބު ރައީސް ފައިސަލް ނަސީމު ބައިވެރިވެވަޑައިގެން ސޮއިކުރުމުގެ ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދެވެ. އައްޑޫ އެއާޕޯޓުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރެވެ.
މި އެއްބަސްވުމުގެ ދަށުން އައްޑޫ އެއާޕޯޓުގައި ހުރި ހެނގަރާއި އޮފީސް އިމާރާތެއް ފްލައިޓް ޓްރެއިނިން ސްކޫލުގެ ބޭނުމަށް ކުއްޔަށް ހިފާނެ އެވެ.
ރާއްޖޭގައި ފްލައިން ސްކޫލެއް ހިންގަން ގައުމީ ޔުނިވާސިޓީއާއި އައިލެންޑް އޭވިއޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ މިމަހުގެ 14 ވަނަ ދުވަހު އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިހާދު ވިދާޅުވީ، ސްކޫލުގެ ކިޔެވުން މިއަހަރުގެ ފަހުކޮޅު ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ސްކޫލުގެ ފުރަތަމަ ބެޗުގައި 30 ދަރިވަރުންނަށް ކިޔަވައި ދެވޭނެ ކަމަށެވެ. އަދި އަހަރެއްގެ ތެރޭގައި އެ ސްކޫލުގައި 80 ދަރިވަރުންނަށް ކިޔަވައިދެވޭނެ ކަމަށް ވިދާޅުވި އެވެ.
މި އެއްބަސްވުމުގެ ދަށުން ހިންގާ ފްލައިންގް ސްކޫލް ހިންގުމަށް ހަމަޖެހިފައި ވަނީ ޗެކް ރިޕަބްލިކްގެ ތަޖުރިބާކާރު ފްލައިން ސްކޫލަކުންނެވެ. އަދި ސްކޫލަށް ކުދިން ވެއްދުމުގައި އެކި ސަބަބުތަކާ ހެދި ޕައިލެޓް ޓްރޭނިން މެދުކެނޑުނު ދަރިވަރުންނަށް އިސްކަންދޭން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ