ގަލޮޅު ސްކޫލް ޖިންސީ އަނިޔާ މައްސަލަ: ހައްޔަރު ކުރި އަންހެން މީހާ ދޫކޮށްލައިފި

މާލޭގައި ހިންގާ ޕްރީ ސްކޫލެއް ކަމުގައިވާ ގަލޮޅު މަދަރުސާގައި އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ބަންދުން ދޫކޮށްލައިފިއެވެ.
މިދިޔަ މަހުގެ މެދުތެރޭ ގަލޮޅު މަދަރުސާގައި ކިޔަވަމުން ދިޔަ އުމުރން 4 އަހަަރުގެ ކުއްޖަކަށް ޖިންސީ އަނިޔާ ކުރި ކަމަށް ބުނާ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ފުލުހުން ހައްޔަރު ކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައެވެ. އެމީހާއަކީ އުމުރުން 63 އަހަރުގެ ދިވެހި އަންހެނެކެވެ.
ފުލުހުން ބުނީ ހައްޔަރު ކުރި މީހާ ބަންދުން ދޫކޮށްލާފައި ވަނީ އެމީހާ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ލަފާ ދީފައި ވާތީ ކަމަށެވެ. އެމީހާ ބަންދުން ދޫކޮށްލި ނަމަވެސް މި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.
ގަލޮޅު ސްކޫލުގައި އުމުރުން 4 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތި ވުމުން ފުލުހުންނާއި ޖެންޑާ މިނިސްޓްރީ އަދި އެޑިއުކޭޝަން މިނިސްޓްރީން ވަނީ މި މައްސަލަ ބަލަން ފަށާފައެވެ. އަދި މި މައްސަލައިގައި ސްކޫލްގެ އިސްވެރިންނާއި މަސައްކަތު މީހުންނާއި ޓީޗަރުންގެ ބަޔާން ވެސް ވަނީ ނަގާފައެވެ.
އެގޮތުން އެ މައްސަލައިގައި ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވެނީ އެ ސްކޫލުގައި މަސައްކަތު މީހެއް ކަން އެނގިފައި އޮތަސް އޭރު އެއީ ކާކުކަން ދެނެގަނެވިފައެއް ނުވެއެވެ. އެހެންކަމުން މައްސަލަަ ބެލުމަށް ފަހު އެ ސްކޫލުގައި މަސައްކަތް ކުރާ ހުރިހާ މަސައްކަތު މީހުން ސަސްޕެންޑް ކޮށް އެ ސްކޫލަގައި ވަނީ ސީސީޓީވީ ކެމެރާ ވެސް ހަރުކޮށްފައެވެ.
މި މައްސަލައިގައި ގިނަ ބެލެނިވެރިންތަކެއް ވެސް ވަނީ ކަނބޮޑުވުން ހިއްސާކޮށްފައެވެ. އަދި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހާ ދެނެގަނެ އެމީހާ ހައްޔަރު ކުރުން ލަސްވުމުން ދިއުމުން ގިނަ ބަޔަކު ވަނީ މި ކަމާ ގުޅިގެން މުއައްސަސާތަކަށާއި އެ ސްކޫލަށް ވެސް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ