ރިޔާސީ ކެންޑިޓޭޓެއްގެ ރަނިންމޭޓަކަށް ވެދާނަން: އުމަރު

ޕީޕީއެމްގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ މި އަހަރުގެ ސެޕްޓެންބަރު ހަތެއްގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓެއްގެ ރަނިންމޭޓަކަށް ވެދާނެ ކަމަށް ޕީޕީއެމް ޕްރައިމަރީގައި ވާދަކުރައްވާ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ފުޅާ ކޯލިޝަނެއް ހައްދަވާނެ ކަމަށް ވިދާޅުވަމުން ގެންދަވާ އުމުރު ނަސީރުގެ ތައުރީފުގެ ބަސްތައް ރޭ އަމާޒުކުރައްވާފައި ވަނީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީ އަކަށެވެ. އޭނާ ވިދާޅުވީ ރައީސް ވަހީދާ އެކު "އަބަދު ވެސް ވަރަށް ގާތް ގުޅުމެއް އޮންނަ" ކަމަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ "ޒަމާންވީ ރަހުމަތްތެރިއެއް" ކަމަށެވެ. އަދި އަދާލަތު ޕާޓީއަކީ އޭނާއާ "އައިޑިއޮލަޖީ" ދިމާވާ ޕާޓީއެއް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
ސިޔާސީ ލީޑަރުންނާއި ޕާޓީތަކުގެ ނަންތައް ހާމަކޮށް އުމަރު ވިދާޅުވީ އޭނާ ހުންނެވީ ކޯލިޝަނެއް ހަދަން "ދޮންވެ ފައްކާވެފައި" ކަމަށެވެ. އަދި ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދާކުރައްވާ އެހެން ކެންޑިޑޭޓެއްގެ ރަނިންމޭޓަށް ވެދާނެ ކަމަށާއި ރިޔާސީ ކެންޑިޑެއްގެ ގޮތުގައި ވެސް ފެނިދާނެ ކަމަށެވެ.
"ރަނިންމޭޓަކަށް ފެނުން ވެސް އެކަށީގެންވޭ. ކެންޑިޑޭޓަކަށް ވެސް ފެނުން އެކަށީގެންވޭ. ހުރިހާ އޮޕްޝަނެއް އޯޕަން. އެއްވެސް އެއްޗަކީ ކްލޯޒް އެއްޗެއް ނޫން،" ދިޓީވީގެ ޚަބަރު ތެރެއިން ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވި އެވެ.
ސަރުކާރާ ބައިޔަތު ހިފާފައިވާ ޕާޓީތަކުގެ ލީޑަރުންގެ ތެރެއިން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން، ކޯލިޝަނަކަށް ޓަކައި އެބޭފުޅުންގެ ކެންޑިޑެންސީ ދޫކުރައްވާފާނެތޯ ޕްރޮގްރާމްގެ ޕްރެޒެންޓަރު ސުވާލު ކުރެއްވުމުން ވިދާޅުވީ އެބޭފުޅުންނަށް ވުރެ ގައުމު ބޮޑު ކަން އެ ލީޑަރުންނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމެއް ކަމަށެވެ. އަދި "މުހައްމަދު ނަޝީދުގެ ނުރައްކާ މިގައުމުން ނުކެނޑޭކަން" އެ ލީޑަރުންނަށް އެނގިވަޑައިގަންނަވާނެ ކަމެއް ކަމަށާއި އަމިއްލަ މަސްލަހަތަށް ވުރެ ބޮޑަށް އެބޭފުޅުން އިސް ކުރައްވާނީ ގައުމީ މަސްލަހަތު ކަމަށް އުމަރު ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕްރައިމްރީގައި ވާދަކުރައްވާ އަަބްދުﷲ ޔާމީންގެ ކެމްޕޭން ޖަލްސާގައި ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ބައިވެރިވެވަޑައިގެންނެވުމާ ގުޅިގެން އުމަރު ވިދާޅުވީ ޑީއާރްޕީ ވެރިކަމުގައި އޮތް އިރު "ބުރަކަށްޓަށް ވަޅި ހަރާފައި" ވަޑައިގަންނަވަންޏާ ވެސް އެބޭފުޅުންނަށް މަރުހަބާ ދަންނަވާނެ ކަމަށެވެ.
"އެބޭފުޅުންނަކީ ކުރިން އަޅުގަނޑުމެންނާ އެކު ތިއްބެވި ބޭފުޅުން، އެ ބޭފުޅުން ޑީއާރްޕީ ވެރިކަމުގައި މައުމޫން ހުންނެވި އިރު އެންމެ އުނދަގޫވި ގަޑީގައި ޑީއާރްޕީ ދޫކުރައްވައި، ވަޑައިގެންފައި، އަނެއްކާ ވެސް ކުޑަކޮށް 'ޑަސްޓު' ފިލީމާ ވަޑައިގަންނަވާ ބޭފުޅުން. އެއީކީ [ޑރ. ޖަމީލް 'ޔަގީން ޓީމާ' ގުޅިވަޑައިގެންނެވުމަކީ] އަޅުގަނޑުމެންގެ ޓީމަށް ލިބޭ ގެއްލުމެއް ނޫން. ޖަމީލު ވިޔަސް [ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު] ނަޝީދު ވިޔަސް އަޅުގަނޑުމެން މަރުހަބާ ކިޔަން." އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ