ދެވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީއަށްވީ ޕާޓީ މެންބަރުންގެ ސަބަބުން - މައުމޫން

ދިވެހިރާއްޖޭގައި ދެވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީއަށް ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ވެގެން ގޮސްފައިވަނީ އެޕާޓީގެ ވަރަށް ގިނަ މެމްބަރުންގެ މިންނަތް މަސައްކަތުން ކަމަށާއި އެއީ މެމްބަރުންގެ މިންނަތް މަސައްކަތުން ހޯދި ކާމިޔާބީއެއް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ދެވަނަ އަށް އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީއަށް ޕީޕީއެމްވުމާއި ގުޅިގެން ރައީސް މައުމޫން މިއަދު ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ ކުރިއަށް އޮތް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ހުރިހާ ބޭފުޅުން ގުޅިގެން ހިތްވަރާއި ޖޯޝާއިއެކު ވަރުގަދަ އަޒުމެއްގައި މަސައްކަތްކޮށްދެއްވުމަށް އިލްތިމާސްކުރާ ކަމަށާއި 2013 ގެ އިންތިހާބު ކާމިޔާބުކުރާނީ ޕީޕީއެމް ކަމަށެވެ.
"މާތް ﷲ ގެ އިރާދަފުޅާއިއެކު ދިވެހި ރާއްޖޭގެ ދެވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީއަށް ޕީޕީއެމް ވުމުގެ އުފަލުގައި ޕާޓީގެ އެންމެހައި ލޮބުވެތި މެމްބަރުންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަމެވެ. މިފުރިހަމަ ކާމިޔާބީއަކީ ޕީޕީއެމްގެ ވަރަށް ގިނަ މެމްބަރުންގެ މިންނަތް މަސައްކަތުން ހޯދުނު ކާމިޔާބީއެއްކަން އަޅުގަނޑު ގަބޫލުކުރަމެވެ. ވީމާ މިފުރުސަތުގައި ޕީޕީއެމްގެ އިންތިގާލީ ކައުންސިލް މެމްބަރުންނަށާއި މަޖިލިސް މެމްބަރުންނަށާއި ޕާޓީގެ ލޮބުވެތި އާންމު މެމްބަރުންނަށާއި ޕާޓީ އޮފީހުގެ މުވައްޒަފުންނަށް ވަރަށް އިހްލާސްތެރިކަމާއިއެކު މަރުހަބާ އާއި ޝުކުރު ދަންނަވަމެވެ." މައުމޫން ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައިވާ ގޮތުން 4،902 މެމްބަރުން އިތުރުވެ ޕީޕީއެމް ވަނީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ޕާޓީގެ ޝަރަފު އެޕާޓީ އާއި އެންމެ ވާދަވެރި ޑީއާރުޕީ ވައްޓާލުމަށްފަހު ހޯދާފައެވެ. ޕީޕީއެމްގައި 22،802 މެމްބަރުން މިހާރު ތިބިއިރު ޑީއާރުޕީއިން 2،615 މެމްބަރުން މަދުވެ އެޕާޓީގެ މެމްބަރުންގެ އަދަދު ވަނީ 22،575 އަށް ވެއްޓިފައެވެ.
ރާއްޖޭގައި އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީން 843 މެމްބަރުން މަދުވެ އެޕާޓީގެ މެމްބަރުންގެ އަދަދު 46،349 އަށް ވަނީ ވެއްޓިފައެވެ. 2013 ގެ ރިޔާސި އިންތިހާބުގެ ކުރިން 30،000 މެމްބަރުން ހަމަކުރަން މަސައްކަތްކުރަމުންދާ ޖޭޕީގެ މެމްބަރުންގެ އަދަު ވަނީ 11،154 އަށް އަރާފައެވެ. އެއީ 2،223 މެމްބަރުންގެ ކުރިއެރުމެކެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ބަލާއިރު މަޖިލިސްއިން ފާސްކުރި ސިޔާސީ ޕާޓީތަކުގެ ބިލް ރައީސް ޑރ.ވަހީދު ތަސްދީގުކުރައްވައިފިނަމަ އެމްޑީޕީ، ޕީޕީއެމް، ޑީއާރުޕީ އަދި ޖޭޕީ ނޫން ހުރިހާ ޕާޓީއެއް އުވިގެން ދާނެ އެވެ.
ސިޔާސީ ޕާޓީތަކުގެ ބިލުގައިވާ ގޮތުން ޕާޓީއެއް އުފެދޭނީ 10،000 މެމްބަރުން ހަމަވުމުންނެވެ. އަދި 10،000 މެމްބަރުން ހަމަނުވާ ޕާޓީތަކަށް 3 މަސް ދިނުމަށް އެބިލްގައި ބުނެފައިވާއިރު ރާއްޖޭގައި އުފެދިފައިވާ 16 ޕާޓީގެ ތެރެއިން ގިނަ ޕާޓީތަކެއް އުވިގެންދާނެ ކަމަށް ބެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ