ފޮރިން މިނިސްޓްރީގެ ދެހާސް ދިހަވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ޚިޔާނާތުގެ ބޮޑެތި މައްސަލަތަކުގެ މުގުލުގައި ހުންނެވި ކަމަށް ބުނެ އދ ގެ ރެޕަޓުއަރއެއްގެ މަޤާމުގައި ހުންނެވި ޑރ. ޝަހީދު މަގާމުން ވަކިކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށައަޅައިފި އެވެ.
ޤާއުމީ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުށައެޅުއްވި ގަރާރުގައި ވަނީ ދެހާސް ދިހަވަނަ އަހަރު ބޭރު ޤައުމުތަކުގައި ހުންނަ ރާއްޖޭގެ މިޝަންތަކަށް ޚަރަދުކުރި 88.5 މިލިއަން ރުފިޔާގެ ތަފްސީލް ފޮރިން މިނިސްޓްރީގައި ނެތްކަމަށް އޮޑިޓަރ ޖެނަރަލްގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާކަމަށެވެ.
އަދި ޑރ. ޝަހީދުގެ ޚާރިޖީ ވަޒީރުކަމުގައި އެމްޑީޕީގެ މަޤާމްތައް ފުރުއްވަމުން ގެންދެވި ބޭފުޅުންގެ ދަރިންނާއި އާއިލީ މެންބަރުންނަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން މަންފާއާއި ފައިދާ ހޯދައިދިނުމަށް ޝަހީދު މަސައްކަތް ކޮށްފައިވާކަމަށެވެ.
ރިޔާޒު ރަޝީދުގެ ޤަރާރުގައި ބުނެފައިވަނީ، ފޮރިން މިނިސްޓްރީން، ބޭރުގެ މިޝަންތަކުގައި ތިބޭ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ދެމުން ގެންގޮސްފައިވަނީ، ސިވިލް ސަރވިސްގެ ޤާނޫނާ ޚިލާފަށް ކަމަށާއި ފޮރިން މިނިސްޓްރީގެ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ދޫކޮށްފައިވާ ފައިސާގެ ތެރެއިން 1،40617 ރުފިޔާ އިތުރަށް މުވައްޒަފުންނަށް ދޫކޮށްފައިވާ ކަމަށެވެ.
އަދި އެފައިސާގެ ތެރެއިން 80،503 ރުފިޔާ ޚަރަދުކޮށްފައި ވާގޮތުގެ ތަފްސީލްވެސް ފޮރިން މިނިސްޓްރީގައި ނެތްކަމަށް އެމިނިސްޓްރީގެ 2010 އަހަރުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާކަމަށް ވެސް ގަރާރުގައި ބުނެފައިވެ އެވެ.
ރާއްޖެއަށް ލިބުނު ފުރުސަތެއްގައި އދ ގެ ރެޕަޓުއަރއެއްގެ މަޤާމުގައި ހުންނެވި ޑރ. ޝަހީދުގެ މައްޗަށް ސިލްސިލާ ގޮތެއްގައި ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިފައިވާތީ، ދިވެހިރާއްޖޭގެ ނަމާއި އަބުރާއި ގަދަރަށްޓަކައި ޑރ. ޝަހީދު މިހާރު ހުރި މަޤާމުން ދުރުކުރުމަށާއި، އޭނާ ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބަލައި ތަހުގީގު ކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ގޮވާލާ ކަމަށްވެސް ރިޔާޒުގެ ޤަރާރުގައިވަނީ ބުނެފައެވެ.
ޑރ. ޝަހީދު މަޤާމުން ވަކިކުރުމަށް ޤަރާރެއް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ