ދުނިޔޭގެ ހައްދުފަހަނަ އަޅާފައިވާ އޮއިވަރުތަކުގެ ބާރު ގަދަވެގެން ގައުމެއްގެ މިނިވަންކަން ގެއްލިދާނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މިނިވަންކަމަށް 51 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް މައުމޫން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ގައުމެއްގެ މިނިވަންކަމަށް ބުރޫއަރާފަދަ ކިތަންމެ ކަމެއް ގައުމަކަށް ކުރިމަތިވެދާނެ ކަމަށެވެ. މައުމޫން ވިދާޅުވީ މިނިވަންކަމަށް ބުރޫއަރާނީ ބޭރުގެ ހަތިޔާރުއެޅި ލަޝްކަރަކުން ނުވަތަ ޖަމާއަތަކުން ދޭ ހަމަލައެއްގައި އެކަނި ނޫން ކަމަށެވެ.
މިނިވަންކަން ގެއްލި ދާނެ ސަބަބުތައް ބަޔާންކުރައްވަމުން މައުމޫން ވިދާޅުވެފައިވަނީ ގައުމުގައި ސިޔާސީ ހަމަނުޖެހުން އުފެދި ރައްޔިތުން ބައިބައިވެ ގައުމުގެ އެއްބައިވަންތަކަން ގެއްލުމަކީ ސަބަބެއް ކަމަށެވެ. އަދި ގައުމުގައި އޮތް ދީނީ ވަހުދަތު ގެއްލިގެން ދިއުމުގެ އިތުރުން އިގްތިސާދީގޮތުން ބޭރުގެ ބޮޑެތި ބާރުތަކުގެ ނުފޫޒުގެ ދަށުވުން ވެސް ހިމެނޭ ކަމަށް މައުމޫން ވިދާޅުވި އެވެ.
“ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރަން ބޭނުންނަމަ ދިވެހިން ތިބެންޖެހޭނީ ހުރިހާ ކަމަކަށް ވަރަށް ބޮޑަށް ވިސްނައި ތައްޔާރު ވެގެންނެވެ. އެފަދަ ކަމެއް ރާއްޖެއަށް މެދުވެރިވިޔަ ނުދިނުމަށް ނުހަނު ވަރުގަދަ އަޒުމަކާއެކު ކަމަރު ބަނދެގެން،” ބަޔާނުގައި މައުމޫން ވިދާޅުވެފައިވެ އެވެ.
އަދި ވިދާޅުވެފައިވަނީ އެއިރެއްގެ އޮންނަ ސަރުކާރަކަށް ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރުމަކީ ރާއްޖޭގެ ގާނޫނު އަސާސީން ލާޒިމު ކުރާ ކަމެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ހިމާޔަތްކުރުމަކީ ދިވެހި ގައުމުގެ އެންމެ މަތީ މަސްލަހަތު ކަމަށްވާއިރު ގައުމީ މަސްލަހަތުގެ މައްޗަށް އެއްވެސް ބައެއްގެ މަސްލަހަތު އިސްކޮށްގެން ނުވާނެ ކަން ދަންނަން ޖެހޭނެ ކަމަށެވެ. އަދި އެކަން ކުރުމަށް އެއްވެސް ޖާގައެއް ދިވެހިން ދީގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.
ހައްދު ފަހަނަ އަޅާފައިވާ ބޭރުގެ އޮއިވަރު ގަދަވެ މިނިވަންކަން ގެއްލިދާނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ