ސަރުކާރުގެ އަމާޒަކީ ރައްޔިތުން ދުޅަހެޔޮކަން މަތީ ތިބުން - ނާޒިމް

ސަރުކާރުގެ އަމާޒަކީ ދިވެހި ރައްޔިތުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބި ބަޔަކަށް ހެދުން ކަމަށް ހެލްތް މިނިސްޓްރީއާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރު (ކނލ) މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ގުރައިދޫ ހޮސްޕިޓަލް 24 ގަޑިއިރު ހިދުމަތް ދޭ ތަނަކަށް ހެދުމާއި އެރަށުގައި އެސްޓީއޯގެ ބޭސްފިހާރަ އެއް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ސިއްހީ ދާއިރާގެ ކަންކަން ފުރިހަމަ ކުރުމަށްޓަކައި އަގު ބޮޑު ހަރަދުތަކެއް ކުރެވިއްޖެ ކަމަށާއި ސަރުކާރުން ރައްޔިތުންނަށް ހިދުމަތް ކޮށްދެނީ އަގަށް ބަލައިގެނެއް ނޫން ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުން ކަމަށް ނާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑުމްނެ ބޭނުން ވަނީ ދިވެހި ރައްޔިތުންނަކީ ސިއްހީ ދުޅަހެޔޮ ކަމުގައި ތިބި ރައްކާތެރި ކަމާއެކީގަ އުފާވެރި ދިރިއުޅުމެއް ދިރއުޅެވޭ ގޮތް ހެދުން. ސަރުކާރުން މިދަނީ އެއަމާޒަށް ވާސިލް ވުމަށްޓަކައި މަސައްކަތް ކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ އެކި ރަށްތަކުގައި ހުރި ސިއްހީ މަރުކަޒުތައް މަރާމާތު ކުރުމުގެ މަސައްކަތްތައް ވަރަށް ބާރު ސްޕީޑެއްގައި ކުރަމުން ގެންދަވާ ކަމަށެވެ. އަދި ބައެއް މަރުކަޒުތައް މަރާމާތު ކުރުމަށް ކުންފުނިތަކާ ހަވާލުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ