އޭވައިއެލްގެ މައްޗަށް ކުރި ހޯދާ ވެލެންސިއާ ސެމީއަށް

0-2 ގެ ނަތީޖާއަކުން އޭވައިއެލްގެ މައްޗަށް ކުރި ހޯދާ ކްލަބް ވެލެންސިއާ އެފްއޭކަޕްގެ ސެމީފައިނަލަށް ދަތުރުކޮށްފި އެވެ.
މި މެޗުގެ 4 ވަނަ މިނެޓްގައި ވެލެންސިއާ އިން ވަނީ މެޗުގެ ލީޑުނަގާފަ އެވެ. މި ގޯލަކީ އޭވައިއެލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ވެލެންސިއާގެ ނިޝާންއަށް އޭވައިއެލްގެ ކެޕްޓަން ޒުބައިރު ފައުލް ކުރުމާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ.
މި ޕެނަލްޓީ ކާމިޔާބުކޮށްދީ ވެލެންސިއާ އަށް މެޗުގެ ލީޑުނަގައިދިނީ އަލީ ހަމްދާން އެވެ.
މި ގޯލަށްފަހު ދެ ޓީމުގެ ފަރާތުންވެސް ފެނިގެން ގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ވެލެންސިއާގެ ޔޫސުފް ރަމީޒް ވަނީ އޭވައިއެލްގެ ގޯލާ އަމާޒުކޮށް ރަނގަޅު ހަމަލާއެއް ފޮނުވާލާފަ އެވެ. ނަމަވެސް އޭނާ ކުރިއަށް ފޮނުވާލި ބޯޅަ ދިޔައީ އޭވައިއެލްގެ ގޯލުގެ ދަޑިކައިރިން ބޭރަށެވެ.
މެޗުގެ ދެވަނަ ހާފްގައި އޭވައިއެލް އިން ރަނގަޅަށް ކުޅެ ވަނީ ވެލެންސިއާގެ ގޯލަށް ނުރައްކާކޮށްފަ އެވެ. އެގޮތުން އެޓީމުގެ ބޭރު ކުޅުންތެރިއާ ލޯގާއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެ އެވެ. ނަމަވެސް ވެލެންސިއާގެ ޕެނަލްޓީއޭރިއާގެ ތެރެއަށް ވަދެ ލޯގާ ކުރިއަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަޑިމަތިން ބޭރަށެވެ.
ދެވަނަ ހާފްގައި ވެލެންސިއާގެ ރިލްވާން އަށް ލީޑު ފުޅާކޮށްލަން ހުސް ފުރުސަތެއް ލިބި އޭގެ ބޭނުން ނުހިފުނު ނަމަވެސް މެޗުގެ 80 ވަނަ މިނެޓްގައި ވެލެންސިއާ އިން ވަނީ ދެވަނަ ގޯލްޖަހާ އެޓީމުގެ ލީޑު ފުޅާކޮށްފަ އެވެ.
މަމްދޫހު ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ގޯލް ވެލެންސިއާ އަށް ކާމިޔާބުކޮށްދިނީ މުޖުތާޒު އަހުމަދެވެ.
ސެމީފައިނަލްގައި ވެލެންސިއާ ބައްދަލުކުރާނީ މާދަމާ ރޭ ކުޅޭ ސެމީފައިނަލްގެ ފަހު މެޗުގައި މާޒިޔާ އާއި ޓީސީ ސްޕޯޓްސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ