މިސްރުގެ ކުރީގެ ރައީސް މުރްސީގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް އިސްތިއުނާފީ ކޯޓުން ބާތިލް ކޮށްފި

މިސްރުގެ ކުރީގެ ރައީސް މުހަންމަދު މުރްސީގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް މިސްރުގެ އިސްތިއުނާފީ ކޯޓުން ބާތިލް ކޮށްފިއެވެ.
ކުރީގެ ރައީސް މުހަންމަދު މުރްސީގެ މައްޗަށް އިއްވާފައިވާ މަރްގެ ހުކުމަކީ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ވެރިކަމާ ދެކޮޅަށް މިސްރުގެ ރައްޔިތުން 2011 ވަނަ އަހަރު އުތުރިއަރައިގަތް ދުވަސްވަރު ޖަލުތައް ފަޅާލައި ކުށްވެރިން ފިލުމާއި، އޭގެފަހުން ފުލުހުންނަށް ހަމަލާ ދިނުމުގައި ބައިވެރިވެވަޑައި ގެންނެވި ކަމުގެ ކުށް ސާބިތުވެ އިއްވާފައިވާ މަރުގެ ހުކުމެކެވެ. އެދުވަސްވަރު މުރްސީވެސް ހުންނެވީ ޖަލުގައެވެ.
މިމައްސަލާގައި މުރްސީގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް އިސްތިއުނާފް ކުރުމުން ކޯޓުންވަނީ މަރުގެ ހުކުމް ބާތިލްކޮށް އެމައްސަލައިގެ ޝަރީއަތް އަލުން ކުރުމަށް އަމުރު ކޮށްފައެވެ. ހަމަ އެއާއެކު، މުރްސީގެ މުސްލިމް ބްރަދަރހޫޑް ޕާޓީގެ ރޫހީ ލީޑަރު މުހަންމަދު ބާދީއާއި، މުސްލިމް ބްރަދަރހޫޑްގެ އިތުރު 4 އިސްވެރިއެއްގެ ޝަރީއަތްވެސް އަލުން ކުރުމަށް އިސްތިއުނާފީ ކޯޓުން އަމުރު ކޮށްފައި ވެއެވެ.
2013 ވަނަ މިސްރުގެ ވެރިކަމުން ދުރުކޮށް ޖަލަށްލައި، ކުރީގެ ރައީސް މުރްސީގެ މައްޗަށް އެތައް މައްސަލައެއްގެ ޝަރީއަތް ހިންގަމުން އެބަދެއެވެ.
2011 ވަނަ އަހަރު ޖަލުތައް ފަޅާލުމާއި ފުލުހުންނާ ދެކޮޅަށްހަމަނުޖެހުން ހިންގުމުގެ ކުށް ސާބިތުވެ މުރްސީގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވާއިރު، ވެރިކަމުގައި ހުންނެވިއިރު މުޒާހަރާކުރި ބަޔަކާ ދެކޮޅަށް ގަދަބާރު ބޭނުން ކުރެއްވުމަށް އަމުރުކުރެއްވި ކަމުގެ ކުށް ސާބިތުވެ މުރްސީގެ މައްޗަށް އިއްވާފައިވާ 20 އަހަރަށް ޖަލަށް ލުމުގެ ހުކުމް އިސްތިއުނާފް ކުރުމުން އިސްތިއުނާފީ ކޯޓުން މިދިޔަމަހު ވަނީ އެހުކުމް ދަމަހައްޓާފައެވެ.
އެހެން ދެ މައްސަލައެއްގެ ޝަރީއަތަށްފަހު މުރްސީ އުމުރަށް ޖަލަށްލުމަށްވެސް މީގެކުރިން ހުކުމް ކޮށްފައި ވެއެވެ.
އޭގެ ތެރެއިން އެއް މައްސަލައިގެ ޝަރީއަތުގައި އީރާނަށާއި، ލުބުނާނުގެ ހިޒްބުﷲ ޖަމާއަތަށާއި، ފަލަސްތީނުގެ ހަމާސް ޖަމާއަތަށް ޖާސޫސް ކޮށްދެއްވި ކަމުގެ ކުށް މުރްސީގެ މައްޗަށް ސާބިތުވެ އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވެއެވެ.
އަނެއް މައްސަލާގައި، މިސްރުގެ ގައުމީ ސަލާމަތާ ގުޅުންހުރި ލިޔެކިއުންތަކެއް ވަގަށް ނަންގަވައި ގަތަރަށް ފޯރުވައި ދެއްވިކަމުގެ ކުށް ސާބިތުވެ އުމުރަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވެއެވެ. ގަތަރަކީ މުރްސީގެ މުސްލިމް ބްރަދަރހޫޑް ޕާޓީއަށް ވަރަށް ބޮޑަށް މަދަދުދޭ ގައުމެކެވެ.
މުހަންމަދު މުރްސީއަކީ މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކް ވެރިކަމުން ދުރުކޮށް އެގައުމުގައި ބޭއްވި ފުރަތަމަ މިނިވަން އިންސާފުވެރި އިންތިޚާބު ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގެންނެވި ރައީސެވެ.
މުރްސީގެ ވެރިކަމާ ދެކޮޅަށް އާންމުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުންދިޔަ ދަނޑިވަޅުގައި މުރްސީގެ ވެރިކަން ވައްޓާލީ، ސިފައިންގެ ވެރިޔަކަށް މުރްސީ އައްޔަން ކުރެއްވި މިހާރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީ އިސްވެ ހުންނަވައިގެން ސިފައިންނެވެ.
މުރްސީގެ ވެރިކަން ވައްޓާލައި، އޭނާގެ ބްރަދަރހޫޑް ޕާޓީވެސް މިސްރުގައި މިހާރުވަނީ ޣައިރުގާނޫނީ ޖަމާއަތަކަށް ހަދާފައެވެ. އަދި އެޕާޓީއަށް ނިސްބަތްވާ އެތައްސަތޭކަ ބަޔަކު މަރާލައި އެތައްހާސް ބަޔަކު ޖަލަށްލާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ