ޝަރުއީ ދާއިރާގެ ހިދުމަތްތައް މެދުކަނޑާ ނުލަން އުއްތަމަ ފަނޑިޔާރު އަންގަވައިފި

ކޮވިޑް-19 އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތަކާ އެކު ވެސް ޝަރުއީ ދާއިރާގެ ހިދުމަތްތައް މެދުނުކެނޑި ކުރިޔަށް ގެންދިޔުމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މިއަދު އަންގަވައިފި އެވެ.
މުއުތަސިމް ސޮއި ކުރައްވައި، ސުޕްރީމް ކޯޓުން މިއަދު ނެރުނު އެންގުމެއްގައި ބުނީ ކޮވިޑުން ރައްކާތެރިވުމަށް ކަމާބެހޭ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތަކާ އެކުގައި ވެސް ޝަރުއީ ދާއިރާއިން ދެމުން ގެންދާ ހިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށާއި ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހު ނެރުނު "އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ އިރުޝާދު" އާ އެއްގޮތަށް އަމަލު ކުރާނެ ކަމަށެވެ.
އެގޮތުން ޝަރީއަތުގެ މަޖިލީސްތަކާއި ކައިވެނީގެ މަޖިލީސް ކުރިޔަށް ގެންދިޔުން ފަދަ ކަންކަން ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުން ކޮށްގެން ހުއްޓުމެއް ނެތި ކުރިޔަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އެ ބަޔާނުގައި އެދިފައި ވެ އެވެ.
ކޯޓަށް ހާޒިރުވެގެން ހިދުމަތް ދެވޭ ފަދަ ހާލަތްތަކުގައިވާ ސަރަހައްދުތަކުގައި އެ ރަށެއް ނުވަތަ އެ ސަރަހައްދެއްގެ ހާލަތާ ގުޅޭ ގޮތުން އެ ވަގުތަކު އަމަލު ކުރުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތަކަށް ރިއާޔަތްކޮށް ކޯޓަށް ހާޒިރުވެގެން ހިދުމަތް ލިބިދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ވެސް އެ ބަޔާނުގައި ވަނީ އަންގައިފަ އެވެ.
ދުވާލަކު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިންތިހާ އަށް ގިނަވެ، ކޮންމެ ދުވަހަކު ގިނަ ބަޔަކު މަރުވަމުން ދާތީ ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން ކާފިއު ވަގުތު ހަވީރު 4:00 އިން ހެނދުނު 8:00 އަށް ދިގު ދަންމާލާފައިވާ އިރު، އެހެން ގަޑިތަކުގައި ވެސް ބޭރަށް ނިކުމެ އުޅެވޭނީ ހާއްސަ ހުއްދައެއް ނަގައިގެންނެވެ. އެގޮތުން އަމިއްލަ އޮފީސްތަކަށް ދިޔުމުގެ ހުއްދަ ހިފަހައްޓައި، ކޮންމެ ގެއަކަށް ދެ ފާސް ދޫކުރަން ފުލުހުން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ