ލޮސް އެންޖެލްްސް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 22) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ބެލްޖިއަމާއި އިރާން ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެ، ދެ ޓީމުން ޕޮއިންޓަކުން ފުއްދާލަންް ޖެހިއްޖެ އެވެ.
ގްރޫޕް ޖީގައި މި ދެ ޓީމު ފުރަތަމަ ކުޅުުނު މެޗުތަކުން ވަނީ އެއްވަރުވެފަ އެވެ. އެ ގޮތުން، ބެލްޖިއަމް އިން 1-1 އިން މިސްރާ އެއްވަރުވިއިރު، ނިއު ޒީލެންޑާއި އިރާން ވަނީ 2-2 އިން އެއްވަރުވެފަ އެވެ. އެހެންކަމުން، މި މެޗަށް ނުކުތްއިރު، އިރާނާއި ބެލްޖިއަމުން ނުކުތީ ނަތީޖާ ނެރުން މުހިންމު މެޗެއްގެ ގޮތުގައި ދެކިގެންނެވެ.
އިރާނުން ފުރަތަމަ މިނިޓުން ފަށައިގެން ޑިފެންސަށް ހާއްސަ ސަމާލުކަމެއް ދީގެން ކުޅެމުންދިޔައިރު، ބެލްޖިއަމުން ރޮމެލޫ ލުކާކޫ، ފުރަތަމަ އެގާރައިގައި ހިމަނައިގެން އޭނާ އަށް ގިނަ ބޯޅަތަކެއް ކުޅެމުންދިޔަ އެވެ. އެ ގޮތުން، ލުކާކޫ ފޮނުވާލި ހަމަލާއެއް ބްލޮކްވިއިރު، ބެލްޖިއަމްގެ ކެވިން ޑި ބްރޭނާގެ ހަމަލާތައް ވެސް އިރާން ޑިފެންޑަރުން ދިޔައީ ސަލާމަތްކުރަމުންނެވެ.
ފުރަތަމަ ހާފުގައި ބެލްޖިއަމްގެ ކެޕްޓަން، ޔޫރީ ޓީލަމަންސް ފޮނުވާލި ޝޮޓެއް އިރާންގެ ކީޕަރު، އަލީ ރެޒާ ބީރަންވަންދް ވަނީ މަތަކޮށްފަ އެވެ. އަދި، އިރާނުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ބެލްޖިއަމްގެ ކީޕަރު ތިބޯ ކޯޓުއާ ވަނީ ހުއްޓުވައިފަ އެވެ. އިރާންގެ ކެޕްޓަން، މަހުދީ ތަރޭމީ ޖެހި ގޯލެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) މެދުވެރިކޮށް ބަލައި، ނިންމީ އޮފްސައިޑް ކަމަށެވެ.
ބެލްޖިއަމްގެ ފުލްބެކް، މެކްސިމް ޑި ކުއިޕާ އަށް އިރާންގެ އޭރިއާތެރެއިން ހުސްކޮށް ލިބުނު ފުރުސަތެއްގައި ޖެހި ބޯޅަ ކީޕަރު އަލީ ރެޒާ ވަނީ މަތަކޮށްފަ އެވެ. އަދި، ބެލްޖިއަމްގެ ޑިފެންޑަރުން ކައިރިން ރަނގަޅު ތަނަށް ނުކުމެ ހުރެ ތަރޭމީ ޖެހި ޝޮޓެއް ކީޕަރު، ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.
މި މެޗުގައި ބެލްޖިއަމަށް މައްސަލަ ދިމާވީ، ފުރިހަމަ ވަގުތުގެ ފަހު ވިއްސަކަށް މިނިޓާއި އިތުރު ވަގުތުގައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުންނެވެ. އެ ގޮތުން، ބެލްޖިއަމްގެ ޑިފެންޑަރު، ނެތަން އެންގޯއި އަށް ސީދާ ރަތެއް ދެއްކީ އޭނާ ފަހަތަށް ޖައްސާލި ބޯޅަ އަށް ހުސްކޮށް، ތަރޭމީ ދުއްވައިގަތް ވަގުތުގައި އޭނާ ގައިގައި ހިފެހެއްޓުމުންނެވެ. އެންގޯއީ އަށް ރަތެއް ދެއްކީ، ތަރޭމީ އަށް ދުވެފައި ގޮސް ގޯލަށް ޖެހުމަށް އޮތް ފުރުސަތަކަށް ހުރަސްއެޅި ކަމަށް ބަލައިފަ އެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ބެލްޖިއަމުން ޑިފެންސަށް ފައިބައިގެން ކުޅެމުންދިޔައިރު ވެސް އެޓޭކަށް ގޮސް ލަނޑެއް ޖެހޭތޯ ބަލަމުންދިޔަ އެވެ. އެ ގޮތުން، އެ ޓީމުގެ ލުކެބާކިއޯ ފޮނުވާލި ހަމަލާއެއް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
ބެލްޖިއަމާއި އިރާންގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ