ހެލިކޮޕްޓަރު ދުއްވާނެ ދިވެހީން ތަމްރީނު ކުރާތާ 11 އަހަރު: އުމަރު

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާ ކުރި ހެލިކޮޕްޓަރު ދުއްވާނެ ދިވެހީން ތަމްރީނު ކުރުމުގެ މަސައްކަތް ކުރަމުން އަންނަތާ 11 އަހަރުވެފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރު ކުރެއްވި ޓްވީޓެއްގައި ވަނީ ހެލިކޮޕްޓަރު ދުއްވާނެ ދިވެހީން ތަމްރީނު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ބުނެ، ގައުމީ ދިފާއީ ބާރު، އެމްއެމްޑީއެފްއާއި ހަވާލާދީ ލިޔެފައިވާ ޚަބަރެއް ހިއްސާކުރައްވައިފައެވެ.
ދިވެހި ނޭޝަނަލް އެކްްޝަން (ޑީއެންއޭ)ގައި އިސްކޮށް މަސައްކަތް ކުރައްވާ އުމަރު ވިދާޅުވީ، އެ ހަބަރު ޝާއިއު ކުރިތާވެސް 14 މަސް ދުވަސް ވެފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ދިވެހި ޕައިލެޓުން ތަމްރީން ނުކުރެވޭ ކަމަށެވެ.
މީގެ ކުރިން ދިފާއީ ވަޒީރު މާރިޔާ އަހްމަދު ދީދީ ވަނީ، ހެލިކޮޕްޓަރު ދުއްވުމުގެ ގާބިލުކަން ދިވެހި ސިފައިންނަށް ލިބިފައި ނުވާ ކަަމަށް ބުނެފައެވެ.
އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި ހެލިކޮޕްޓަރު ދުއްވުމުގައި އެގައުމުގެ ސިފައިން ހަރަކާތްތެރިވާތީ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުންފާޅު ކުރަމުން އަންނައިރު، ސަރުކާރުން ބުނެފައިވަނީ އެއީ އިންޑިއާ ސަރުކާރުން، ހެޔޮ ނިޔަތުގައި ދިވެހީންނަށް ފޯރުކޮށްދެމުން އަންނަ އެހީއެއް ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ