އިޒްރާއީލުން އިސްލާމިކް ޖިހާދުގެ ކޮމާންޑަރު ޝަހީދު ކޮށްލައިފި

އިޒްރާއީލުން ދިން ހަމަލާތަކެއްގައި އިސްލާމިކް ޖިހާދު ގްރޫޕުގެ ލީޑަރު ހައްސާމް އަބޫ ހަރްބީދު ޝަހީދުކޮށްލާފައިވާ ކަމަށް އެ ގްރޫޕުން ބުނެފި އެވެ.
ހަމާސް ޖަމާއަތާއިއެކު އިޒްރާއީލަށް ހަމަލާ ދިނުމުގައި ހަރަކާތްތެރިވާ އިސްލާމިކް ޖިހާދުގެ ކޮމާންޑަރު ޝަހީދުވިކަން ހާމަކޮށްފައިވާއިރު ގާޒާ ހިމެނޭ ސަރަހައްދު ހިންގަނީ އެ ދެ ޖަމާއަތް އެކުވެގެންނެވެ.
އިޒްރާއީލު ސިފައިން ނެރުނު ސްޓޭޓްމެންޓެއްގައި ވެސް ވަނީ އިއްޔެ ދިން މިސައިލް ހަމަލާތަކެއްގައި ހަރްބީދު ޝަހީދުކޮށްލާފައިވާ ކަމަށް ބުނެފަ އެވެ.
ހަރުބީދު ޝަހީދުވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިސްލާމިކް ޖިހާދުން ވަނީ އިޒްރާއީލުގެ އައްސޭރި ސަރަހައްދެއް ކަމަށްވާ އަޝްދޯދަށް ރޮކެޓު ހަމަލާތަކެއް ދީފަ އެވެ.
އިއްޔެ އިޒްރާއީލުން ގާޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ ތިން މުސްލިމަކު ވަނީ ޝަހީދު ކޮށްލައިފަ އެވެ.
އިއްޔެ ގާޒާއިން އިޒްރާއީލަށް ވަނީ 60 ރޮކެޓު ހަމަލާ ދީފަ އެވެ. އެހެންނަމަވެސް އިޒްރާއީލުން ބުނީ އެ އަދަދުން ގާޒާ ބަލިކަށިވަމުން އަންނަކަން އެނގޭ ކަމަށެވެ. ހޮނިހިރު އަދި އާދިއްތަ ދުވަހު ގާޒާއިން ވަނީ 200 އަދި 120 ރޮކެޓު ހަމަލާ އިޒްރާއީލަށް ދީފަ އެވެ.
އިޒްރާއީލުން ދަނީ ގާޒާގެ މީހުން ދިރިއުޅޭ ސަރަހައްދު ތަކަށްވެސް ރޮކެޓު ހަމަލާ ދެމުންނެވެ. މިހާތަނަށް އައިއިރު އެންމެ މަދުވެގެން ފަލަސްތީނުގެ 200 އެއްހާ މުސްލިމުން އެ ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާއިރު އޭގެ ތެރޭގައި 58 ކުޑަކުދިންވެސް ހިމެނެ އެވެ.
އިޒްރާއީލުން ގާޒާއަށް ދެމުންގެންދާ ހަމަލާތައް ގަތުލުއާންމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރާއިރު އެ ހަމަލާތަކަށް މިހާރު މިވަނީ ދެ ހަފްތާ ވެގެން ގޮސްފަ އެވެ. ހަމަލާތައް ހުއްޓައިލުމުގެ ވިސްނުން ނެތްކަމަށް އިއްޔެވެސް އިޒްރާއީލުގެ ބޮޑުވަޒިރު ބެންޖަމިން ނަތަންޔާހޫ ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ