ބައެއް ގައުމުތަކުން ގަރާރުތައް ފާސްކުރަނީ ރާއްޖޭގައި ޑިމޮކްރަސީ ނެތިގެނެއް ނޫން: އުމަރު
އެކުވެރި ބައެއް ގައުމުތަކުން ރާއްޖެއާ ދެކޮޅަށް މަސައްކަތް ކުރަނީ ރާއްޖޭގައި ޑިމޮކްރަސީ ނެތިގެން ނޫން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. ގައުމީ އެއްބައިވަންތަކުގެ ދުވަސް ފާހަގަކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ ގަރާރުތައް ނެރެމުން ދަނީ ޑިމޮކްރަސީގެ ހަރުދަނާކަން ކުޑަވެގެން ނޫން ކަމަށެވެ. "...2004 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ އެކި އެކި ދޮރުތަކުން ވަދެވޭތޯ މިހާ ހިސާބަށް ވަރަށް ގިނަ މަސައްކަތް ކުރި، ޓްރޯޖަން ހޯސްގެ އުކުޅު ބޭނުންކޮށްގެން ވަދެވޭތޯ ވެސް އެތައް މަސައްކަތެއް ކުރި. ހަމަ ވަދެވޭނެ އެއްވެސް ގޮތެއް ނެތިގެން އަޅުގަނޑުމެންނަށް ފިއްތާ ފިއްތުން މިހާރު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ،" އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ ބައެއް އިސްލާމީ ގައުމުތަކަށް ޑިމޮކްރަސީގެ ނަމުގައި ގެނެސް ވެއްދި ކަންތައްތަކުގެ ސަބަބުން ޑިމޮކްރަސީ ވެސް ނުލިބި އޮތް ހަމަޖެހުން ވެސް ގެއްލިފައިވާ ކަމަށެވެ. އެކަމުގައި އެތައް ބަޔަކު މަރުވެގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރާއްޖެއާ ބެހޭ ގޮތުން ޖަރުމަނު ބަޔަކު ދާދި ފަހުން އުފެއްދި ޑޮކިއުމެންޓްރީއަށް އުމަރުގެ ވާހަކަގައި ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެގޮތުން އޭނާ ވިދާޅުވީ ރާއްޖޭގެ މީހުން އުޅޭ ރަށްތަކުގެ ގޮނޑުދޮށްތަކުގައި ބިކިނީ ލައިގެން އުޅުން މަނާކުރާ ބޯޑެއް ބަހައްޓާފައި ހުރީމާ ދިވެހިންނަކީ އައިސިސް ޖަމާއަތަށް ތާއީދުކުރާ ބައެއް ކަމަށް ބައެއް ދިވެހިން މަސައްކަތް ކުރާކަމަށެވެ. "...ބިކިނީ ލައިގެން އާއްމުން އުޅޭ ސަރަހައްދަކަށް މޫދަށް އެރުމަކީ އަޅުގަނޑުމެންގެ ވެލިއު ސިސްޓަމްގައި އޮތް ކަމެއް ނޫން. އެއީ އަޅުގަނޑުމެން ގަބޫލުކުރާ ކަމެއް ނޫން. އެކަމަކު އަޅުގަނޑުމެންގެ ގައުމުގެ ގޮނޑުދޮށްތަކުގައި، މީހުން އުޅޭ ރަށްރަށުގެ ގޮނޑުދޮށްތަކުގައި ބިކިނީ ލައިގެން މޫދަށް އެރުން މަނާކަމަށް ބޯޑެއް ބަހައްޓާފައި ހުރީމާ، އެކަން މުޅި ދުނިޔޭގެ ސަމާލުކަމަށް ގެނެސްގެން ވީޑިއޯތަކުން ދައްކައި، އަޅުގަނޑުމެންނަކީ އައިސިސް ޖަމާއަތަށް ތާއީދުކުރާ، އަދި ހައްދުފަހަނައަޅާފައި ތިބި ގައުމެއް ގޮތަށް ދެއްކުމަށްޓަކައި، އަޅުގަނޑުމެންގެ ސަފުތަކުން އެބަ މަސައްކަތް ކުރޭ،" އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ