އަލްމަރްޙޫމް އިބްރާހީމް ރަޝީދުގެ ތައުޒިޔާގެ ދަފްތަރުގައި ރައީސް ސޮޮއިކުރައްވައިފި

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަޤަބް އަރުވާފައިވާ އަލްމަރްޙޫމް އިބްރާހީމް ރަޝީދުގެ ތައުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ސޮއިކުރައްވައިފިއެވެ.
އަލްމަރްޙޫމް އިބްރާހީމް ރަޝީދު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވުމަށްފަހު، ޖެނުއަރީމަހުގެ 31 ވަނަ ދުވަހުގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 92 އަހަރެވެ.
އަލްމަރްޙޫމް އިބްރާހީމް ރަޝީދު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، ސަރުކާރުން ވަނީ ހެލްތް މިނިސްޓްރީގައި ތަޢުޒިޔާގެ ދަފުތަރެއް ހުޅުވާލާފައެވެ.
ތައުޒިޔާގެ ދަފަތްރުގައި ސޮއިކުރެއްވުމަށްފަހު ރައީސް ލިޔުއްވި ބަޔާނުގައި ވަނީ، އަލްމަރްޙޫމް އިބްރާހީމް ރަޝީދު ވަކިވެވަޑައިގަތުމަކީ ދިވެހިރާއްޖޭގެ ޤައުމީ އަދި ސިޔާސީ ހަޔާތަށް ލިބުނު ފޫނުބެއްދޭނެ ވަރުގެ ބޮޑު ގެއްލުމެއް ކަމުގައެވެ.
އަލްމަރުހޫމް އިބްރާހީމް ރަޝީދަކީ ރައީސުލްޖުމްހޫރިއްޔާއާއި ވަރަށް ގާތް ގުޅުމެއްބޭއްވި ވަރަށް އެކުވެރި ބޭފުޅެއްކަމުގައިވެސް ބަޔާންކުރައްވާފައި ވެއެވެ.
އަދި އެމަނިކުފާނު ވަކިވެ ވަޑައިގެންނެވިއިރު ޤައުމީ ހިދުމަތުގެ ތާރީހުން، މިހާރުގެ ޖީލުތަކަށް ދޫކުރެއްވި އެންމެ ރީތި ނަމޫނާއަކީ، އިހްލާސްތެރިކަމާއި، ތެދުވެރިކަމާއެކު ޤައުމަށް ޚިދުމަތްކުރެއްވުމުގެ މަތިވެރި ސިފަކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ލިޔުއްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ބަޔާން ނިންމާލައްވާފައިވަނީ، އަލްމަރްހޫމް އިބްރާހީމް ރަޝީދަށް ސުވަރުގޭގެ ތަނަވަސް ރަހްމަތާއި ނިއުމަތް މިންވަރު ކުރެއްވުމަށް އެދި ﷲގެ ހަޒްރަތުގައި ދުއާ ދަންނަވައި، އެމަނިކުފާނުގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައި ގަންނަވަމުންނެވެ.
އިބްރާހީމް ރަޝީދަކީ، ހުރަވީދަރިކޮޅުގެ ޝާހީ ރަސްކަމުގެ އާއިލާއާއި ވެރިކަމުގެ އާއިލާއިން ވަޑައިގެންނެވި ބޭފުޅެކެވެ.
އިބްރާހީމް ރަޝީދު، ސަރުކާރުގެ ޚިދުމަތް ފަށްޓަވާފައިވަނީ، 24 ނޮވެމްބަރ 1942 ގައެވެ. 65 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވެއެވެ.
ފުރަތަމަ އަދާކުރެއްވީ، ރައްޔިތުންގެ ބޮޑު އިސްޓޯރުގެ ކާތިބު ކަމެވެ. ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް ސުމުއްވުލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ކާތިބެއްގެ ގޮތުން ޚިދްމަތްކުރައްވައި، ޤައުމީ ޚިދްމަތުގައި އެކި މަރުޙަލާތައްވަނީ ކަޑައްތު ކުރައްވާފައެވެ.
އިބްރާހީމް ރަޝީދަކީ، ސަރުކާރުގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވި ބޭފުޅެކެވެ.
އޭގެތެރޭގައި މާބަނޑޭރި އޮފީހުގެ ރަދުންގެ ކާތިބުއްސިއްރު ކަމާއި، ވުޒާރަތުއް ދާޚިލިއްޔާގެ ވަޒީރުގެ ނައިބު ކަމުގެ މަޤާމާއި، ވުޒާރަތުލް މަޢާރިފުގެ ނައިބު ކަމުގެ މަޤާމާއި، ވަޒީރުލްއަޢުޡަމްގެ ޚާއްޞަ ސެކްރެޓަރީކަމާއި، ވަޒީރުލްއަޢުޡަމްގެ ނައިބު ކަމުގެ މަޤާމާއި، މިނިސްޓަރ އޮފް ހެލްތު ކަމުގެ މަޤާމާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް ކަމުގެ މަޤާމާއި، ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިއެއްގެ މަޤާމު ހިމެނެއެވެ.
އެމަނިކުފާނަކީ، ރައްޔިތުންގެ މަޖިލީހުގެ ޒަޢީމްކަމާއި، ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާވެސް އިބްރާހީމް ރަޝީދަށް ވަނީ ލިބިވަޑައިގެންފައެވެ. ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް، އެމަނިކުފާނަށް އަރުވާފައިވަނީ 26 ޖުލައި 2011 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ