ޖަނަރޭޓަރަކަށް މައްސަލަ ދިމާވެ ވެލިދޫގެ އެކި ހިސާބުތަކުން ކަރަންޓު ދަނީ

ނ. ވެލިދޫގައި މިއަދު ހެނދުނުން ފެށިގެން އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑި ގެއްލުންަތަކެއް ލިބެމުންދާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.
"ވަގުތު"އަށް މައުލޫމާތުދެއްވަމުން އެރަށު ކައުންސިލްގެ ރައީސް އަލީ އަހްމީމް ވިދާޅުވީ މިއަދު ހެނދުނުން ފަށައިގެން ރަށުގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑި ރައްޔިތުންގެ ޝަކުވާތައް ލިބެމުންދާކަމަށެވެ.
އެ ރަށުން ކަރަންޓް ކެނޑުނީ ކަރަންޓް ދިނުމަށް ބޭނުން ކުރާ 300 ކިލޯ ވޯޓުގެ ޖަނަރޭޓަރަށް ދިމާވި މައްސަލައެއްގެ ސަބަބުންކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެއެވެ. އެރަށުގައި 300 ކިލޯ ވޯޓުގެ އިތުރުން ދެން ކަރަންޓް ދިނުމަށް ބޭނުން ކުރަނީ 112 ގެ ޖަނަރޭޓަރަކާއި 160 ކިލޯވޯޓުގެ ޖަނަރޭޓަރެކެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ރަށުގެ އެކި ސަރަހައްދުތަކުން އެކި ވަގުތުތަކުގައި ކަރަންޓްކަނޑައިގެން ދަނީ ކަރަންޓްދޭން ހުރި ދެ ޖެނެރޭޓަރު ލޯޑާ ބޮޑުވެގެންނެވެ.
"ފެނަކަ އިން ބުނަނީ މާދަމާކަމަށް ކަރަންޓް ރަނގަޅަށް ދެވޭނީ. ޖަނަރޭޓަރަށް ބޭނުންވާ ސްޕެއަރ މާދަމާ ލިބޭނެކަަމަށް ފެނަކަ އިން ބުނަނީ". އަހުމީމް ވިދާޅުވިއެވެ.
އެރަށުގެ ރައްޔިތަކު ބުނީ މިއަދު ހެނދުނުން ފެށިގެން ކަރަންޓް އެކި ހިސާބުތަކުން ކެނޑެމުންދާކަމަށާއި، ވަރަށް ގިނަ ޒަރޫރީ ބޭނުންތަކުން މަހުރޫމްވެފައިވާކަމަށެވެ.
"އެކިއިރު އެކި ސަރަހައްދުތަކުން ކަރަންޓް މި ދަނީ. އަދިވެސް މުޅިރަށަށް އެއްކޮށް ކަރަންޓެއް ނުލިބޭ. ގެއްލުންތަކެއް ވާނެ ދޯ އަނދިރީގަ ގިނަ މީހުން އުޅެންޏާ". އެރަށު ރައްޔިތަކު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ