ރިއޯ އޮލިމްޕިކްސްގައި އަފާ މިއަދު ހަވީރު ވާދަކުރާނެ

ބްރެޒިލްގައި މިހާރު ކުރިއަށްދާ ރިއޯ އޮލިމްޕިކްސްގައި ރާއްޖޭގެ އަންހެން ދުވުންތެރިޔާ އަފާ އިސްމާއިލް މިއަދު ހަވީރު ވާދަކުރާނެ އެވެ.
ރިއޯޑި ޖެނެއިރޯގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުރިއަށްދިއުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ކުޅިވަރު އީދުގެ އަންހެން 200މ ދުވުމުގެ އިވެންޓުގެ ފުރަތަމަ ބުރުގައި އަފާ ވާދަކުރާ އިރު އެ އިވެންޓު ފެށުމަށް ހަމަޖެހިފައިވަނީ ރާއްްޖެ ގަޑިން 5:30 ގަ އެވެ. 200މ އިވެންޓުގައި އަފާ ދުވުމަށް ހަަމަޖެހިފައިވަނީ ހީޓް 1 ގަ އެވެ.
200މ އިން ގައުމީ ރެކޯޑު ދަމަހައްޓަމުން އަންނަ އުމުރުން އެންމެ 22 އަހަރުގެ އަފާ އަކީ މިފަަހަރުގެ އޮލިމްޕިކްސްގެ އެތްލެޓިކްސް އިވެންޓުތަކުގައި ރާއްޖެއިން ވާދަކުރާ ހަމައެކަނި އަންހެން އެތުލީޓެވެ. އެތްލެޓިކްސްގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިއާ ހަސަން ސާއިދު ވަނީ 100މ އިވެންޓުގެ ޕްރިލިމިނަރީ ބުރުގެ އެއްވަނަ ދުވުންތެރިއާގެ ގޮތުގައި ފުރަތަމަ ބުރުން ޖާގަ ހޯދައި އޮލިމްޕިކްގެ ތާރީޚުގައި ހީޓެއްގެ އެއްވަނަ ދުވުންތެރިއާގެ ގޮތުގައި އަނެއް ބުރަށް ދަތުރު ކުރި ފުރަތަމަ ދިވެހި އެތްލީޓުގެ ޝަރަފު ހޯދާފަ އެވެ. މީގެ އިތުރުން ސާއިދު އަކީ އޮލިމްޕިކްސްގައި ޕްރިލިމިނަރީ ބުރެއް ފަހަނައަޅައި އަނެއް ބުރަށް ކޮލިފައިވި ދިވެހި ދެވަނަ އެތުލީޓެވެ. މީގެ ކުރިން 2012 ވަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސްގައި ދިވެހި ދުވުންތެރިއާ އަޒްނީމް އަހުމަދު ވަނީ 100މ އިވެންޓުގެ ޕްރިމިލިނަރީ ބުރުން ފުރަތަމަ ބުރަށް ދަތުރު ކުރި ފުރަތަމަ ދިވެހި އެތްލީޓުގެ ޝަރަފު ހޯދާފަ އެވެ.
ރާއްޖޭގެ ދުވުންތެރިއާ އަފާ އިސްމާއިލް 200މ އިން ގައުމީ ރެކޯޑު އެންމެ ފަހުން އާ ކޮށްފައިވަނީ މިދިޔަ އަހަރު އޮގަސްޓް މަހު ތެރޭގައި ރީޔޫނިއަންގައި ބޭއްވި އިންޑިއަން އައިލޭންޑް އޯޝެން ގޭމްސް ގަ އެވެ. އެފަހަރު 200މ ރޭސް އަފާ ނިންމީ 25:43 ސިކުންތުންނެވެ. ކުރީގެ ގައުމީ ރެކޯޑަކީ 26:09 ސިކުންތެވެ.
އަފާ ވަނީ 2012 ވަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސްގައި 100މ ދުވުމުގެ އިވެންޓުގައި ވާދަކޮށްފަ އެވެ. އެފަހަރު ޕްރިލިމިނަރީ ބުރުގެ ރޭސް 12:52 ސިކުންތުން އަފާ ނިންމި އިރު އެ ޓައިމިންގް އަކީ އަފާ 100މ އިން މިހާތަނަށް ރޭސް ނިންމި އެންމެ އަވަސް ޓައިމިންގް އެވެ. އެފަހަރުގެ ޕްރިލިމިނަރީ ބުރުގައި އަފާ ވާދަކުރި ނަމަވެސް އިވެންޓުގެ ފުރަތަމަ ބުރަށް ކޮލިފައި ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ