ޤައުމުގެ އިސްލާހަށް ރައްޔިތުން ނުކުމޭ: އިމްރާން

ދިވެހި ގައުމު މިއަދު މިއޮތް ހާލަތުން އަރައިގަނެ، ގައުމަށް ބޭނުންވާ އިސްލާހީ ބަދަލު ގެނައުމަށް ރައްޔިތުން ނިކުންނަން ޖެހިފައިވާ ކަމަށް ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ އަދާލަތު ޕާޓީގެ ރައީސް، އައް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މޭޑޭ ބޮޑު މުޒާހަރާގައި ދެއްކެވި ވާހަކައާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލައި، 12 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ޝެއިޚް އިމްރާނާ ހަވާލާދީ އަދާލަތު ޕާޓީގެ ޓުވީޓާ އެކައުންޓުން ކުރި ޓުވީޓުގައި ވަނީ ހުރިހާ ރައްޔިތުންވެސް އިސްލާހީ ބަދަލަކަށް ނިކުތުމަށް ގޮވާލާފައެވެ.
"ބަވަނަ ވެފައިވާ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާ އަޅާކިޔާ ހިނދު އަޅުގަނޑުމެން މިތިބީ އެތައް ތަނެއް ފަހަތުގައި. މި ހާލަތު ބަދަލުކޮށް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާ ފައިހަމަ ކުރުމަށްޓަކާ މާޒީގެ އަނދިރި ކަމުގެ ތެރެއިން ނިކުންނަން އެބަ ޖެހޭ"
ޝެއިޚް އިމްރާން މޭޑޭ މުޒާހަރާގައި ދެއްކި ވާހަކަތަކަކީ ޓެރަރިޒަމަށް މަގުފަހި ކުރުވާ، ހަމަނުޖެހުމަށް ހިތްވަރުދޭ ވާހަކަތަކެއް ކަމަށް ބުނެ ދައުލަތުން އިމްރާނާ ދެކޮޅަށް ދައުވާ އުފުލައި، ކުރިމިނަލް ކޯޓުން އިމްރާންގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށްބުނެ ހުކުމް ކުރީ 2016 ވަނަ އަހަރުގެ މާޗު މަހުގެ 16 ވަނަ ދުވަހުގައެވެ.
ރައީސް ނަޝީދުގެ ސަރުކާރާ ދެކޮޅަށް އޭރު އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ތިއްބެވި ކޯލިޝަނުގެ ތެރޭގައި ވަރަށް އިސް ދައުރެއް އަދާ ކުރެއްވި އިމްރާން ވަނީ މިހާރު ގާސިމާއެކު ނަޝީދާ އެއް ކޮޅަށް އަރުއްވައި އިއްތިހާދެއް އުފައްދައި އަނެއްކާވެސް ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ