އަނިޔާވެރިކަން ނައްތާލާ ގައުމު އަމާން އައްސޭރިއަކަށް ވާސިލްވުމުގެ މަގު އޮތީ ނުހަނު ގާތުގައި ކަމަށް ރައީސް މައުމޫނު އަބްދުލްޤައްޔޫމް ދެކެވަޑައިގަންނަވާކަމަށް ރައީސް މައުމޫނުގެ އޮފީހުން ބުނެފިއެވެ.
ރައީސް މައުމޫނުގެ އޮފީހުން މިހެން ބުނީ ރައީސް މައުމޫނު ހައްޔަރުކުރިތާ މިއަދަށް 60 ދުވަސް ވުމާއި ގުޅިގެން އެއޮފީހުން ނެރުނު ނޫސް ބަޔާނެއްގައެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ރައީސް މައުމޫނު ހައްޔަރުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ މެންދަމުއެވެ.
ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ތުހުމަތާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރިވިކަމުގެ ތުހުމަތާއި ރިޝްވަތު ދިނުމުގެ ތުހުމަތުވެސް ރައީސް މައުމޫނުގެ މައްޗަށް ކޮށްފައިވާއިރު ރައީސް މައުމޫނު މިހާރު ހުންނެވީ ޝަރީއަތް ނިމެންދެން ބަންދުގައެވެ.
ރައީސް މައުމޫނުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހައްޔަރުކުރިތާ ދެ މަސް ވީއިރުވެސް ރައީސް މައުމޫނުގެ ހިތްވަރުފުޅަށް ކުޑަ ވެސް ބަދަލެއް ނާންނަ ކަމަށާއި ރައީސް މައުމޫން އެދިވަޑައިގަންނަވަނީ ރައްޔިތުން އިސްލާހީ މަސައްކަތުގައި ސާބިތުވެ ތިއްބެވުމަށް ކަމަށް ކަމުގައެވެ.
މީގެ އިތުރުން އަނިޔާވެރިކަމާއި ކޮރަޕްޝަނާއި ފަސާދަ ނައްތާލުމަށް ރައްޔިތުން ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިވަޑައިގެންނެވުމަކީ ރައީސް މައުމޫނު އުފާކުރައްވާ ކަމެއްކަމަށްވެސް ބަޔާނުގައި ވެއެވެ.
އިދިކޮޅު ސިޔާސީ ލީޑަރުން ނާއި އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުން ހައްޔަރުކޮށްގެން އެކަހެރިކޮށް ބޭތިއްބުމުން ހިތްވަރަށް ކުޑަ ވެސް އުނިކަމެއް ނާންނަކަމުގެ ޔަގީންކަން ރައީސް މައުމޫނު ދެއްވާ ކަމަށްވެސް ބަޔާނުގައި ވެއެވެ.
ރައީސް މައުމޫން ހިންގެވި ކަމަށް ބުނާ އެއްވެސް އަމަލެއް ދެއްކިފައި ނުވާއިރު ޓެރަރިޒަމްގެ ދައުވާކޮށްފައިވާއިރު އެކަމުގައި ޖިނާއީ ކުށެއް ސާބިތުވުމަށް ފުރިހަމަވާން ޖެހޭ ރުކުނެއް ވެސް ފުރިހަމަ ނުވާކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
އެހެން ކަމުން އެ ކަންކަން ފުރިހަމަނުވާއިރު ވެސް ރައީސް މައުމޫންގެ މައްޗަށް އުޅެނީ ދައުވާ އެއް ދައުވާއެއް އުފައްދައިގެން ކަމަށާއި އެކަން އެގޮތަށް ކުރަނީ ސަރުކާރުން ރައީސް މައުމޫނުގެ މަސައްކަތާ މެދު ޖެހިލުންވާތީ އިސްލާހީ މަސައްކަތް ހުއްޓުވަން ކަމަށްވެސް ރައީސް މައުމޫނުގެ އޮފީހުގެ ބަޔާނުގައި ވެއެވެ.
ނަމަވެސް ރައީސް މައުމޫން ހުންނެވީ އެ މަސައްކަތް ހުއްޓާލައްވާ ގޮތަށް ނޫން ކަމަށާއި ރައީސް މައުމޫންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ މި ދައުވާއަކީ ސިޔާސީ ކުލަޖެހިފައިވާ، ދައުވާއެއްކަމަށްވެސް ބަޔާނުގައި ވެއެވެ.
އަމާން އައްސޭރިއަކަށް ވާސިލްވުމުގެ މަގު އޮތީ ނުހަނު ގާތުގައި: ރައީސް މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ