މި ސަރުކާރުން މަސައްކަތްކުރަނީ ގާސިމް ނެތިކޮށްލުމަށް: އަބްދުﷲ ޝާހިދު

ރައީސް ޔާމިން މަސައްކަތް ކުރައްވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ނެތިކޮށްލެއްވުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތައް ގުޅިގެން، އދ މާމިގިލީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ، ރައީސް ޔާމިންގެ ވެރިކަން ރޫޅެމުންދާތީ މިހާރު މަސައްކަތް ކުރައްވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް ވެސް ނެތިކޮށްލެއްވުމަށް ކަމަށެވެ.
އެގޮތުން އެމަނިކުފާނުގެ މަސައްކަތްތަކާއި، އުފައްދާފައިވާ އެއްޗެހިތައް ނެތިކޮށްލުމަށް މިސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޤާސިމް ނެތިކޮށްލުމަށް ކުރާ މަސައްކަތްތަކުން އެކަމުގެ ދެރަ ނިކަމެތިކަން ލިބޭނީ ރައްޔިތުންނަށްކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ، ރައީސް ޔާމިންގެ އަނިޔާވެރިކަމުގެ ސަބަބުން ތައުލީމީ ޒުވާނުންގެ ކުރިމަގު ބަންދުވެ މުޖުތަމައުގެ އަމަންއަމާންކަން ގެއްލިފައިވާ ކަމަށެވެ.
"މިއީ ހަމައެކަނި ޤާސިމް ނެތިކޮށްލުމެއްނޫން. އެނެތިކޮށްލެވީ ދިވެހި ޒުވާނުންގެ އުންމީދު. އެނެތިކޮށްލެވެނީ ޒުވާނުން އުންމީދު ކުރަމުންދާން ދެން އޮތް ހަރުފަތް. ދަމާ ވަކި އަޅުވައި ވީދައިގެން ޔާމިން އެފަރީއްކުޅުއްވަނީ ދިވެހި ޒުވާނުންގެ އުންމީދު" މެންބަރު ޝާހިދު ވިދާޅުވިއެވެ.
ނަމަވެސް ޤާސިމްއަކީ އުމުރުފުޅުން 9 އަހަރުގައި މަންމާފުޅު އަވަހާރެވެ އެމަނިކުފާނު ޔަތީމުވެގެންދިޔަ ހާލުގައިވެސް ހިތްވަރާ އަޒުމުގައި މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާއި، މިއަދު ރައީސް ޔާމިންގެ އަނިޔާވެރިކަމަށް ފަހަތަށް ޖެހިވަޑައި ނުގަންނަވޭނެ ކަމަށްވެސް އަބްދުﷲ ޝާހިދު ވިދާޅުވިއެވެ. ހަމައެކަނި މާމިގިއްޔަށް ބަލާލި ނަމަވެސް ގާސިމްގެ ހިތްވަރާއި، އުންމީދާއި، އަޒުމް ފެނިގެންދާ ކަމަށް ވިދާޅުވިއެވެ.
މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޛް ހަސަން ލަތީފު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ފުނޑާލާއި، މުޅި ދައުލަތް ސަރުކާރުން ގަޑުބަޑުކޮށްލާފައިވާ ކަމަށެވެ.
ހަސަން ލަތީފް ވިދާޅުވީ، ތަރައްގީގެ ނަމުގައި މިހާރު ރައްޔިތުންނަށް އޮޅުވާނުލެވޭނެ ކަމަށާއި، ރައީސް ޔާމިންގެ ތަރައްގީއަކީ މާލެއަށް މީހުން ޖަމާކުރުމުގެ ތަރައްގީ ކަމަށެވެ. ހަގީގީ ތަރައްގީ ލިބޭނީ އަތޮޅުތެރޭގެ ރަށްތައް ވެސް ތަރައްގީ ކޮށްގެން ކަމަށާއި، މިއަދު އެމަންޒަރު ނުފެންނަ ކަމަށެވެ.
"މިރަށްރަށް ތަރައްގީ ނުކޮށް މިޖަޒީރާ ދިވެހިރާއްޖެ ތަރައްގީ ކުރެވޭނެ އެއްވެސް ގޮތެއް އަޅުގަނޑުމެންނަށް ނުވިސްނޭ. ރައީސް ޔާމިން މިރައްޖެ ތަރައްގީ ކުރައްވަން އެއުޅުއްވަނީ މާލެއާ ޖެހިގެން އޮތް ހުޅުމާލެއަށް ރައްޔިތުން ޖަމާކޮށްގެން. މިއީ އެއްވެސް އިރެއްގައި ގަބޫލުކުރިކަމެއް ނޫން އެއީ. އަދި ދެންވެސް ގަބޫލުކުރާނެ ކަމެއް ނޫން. އެއީ. އިރާދަކުރެއްވިއްޔާ އެމްޑީޕީން ގުޅިގެން އުފައްދާ މިސަރުކާރުގައި މިކައުންސިލްތައް ބާރުވެރިކުރުވައި، ކައުންސިލަށް އެކުރާ އަނިޔާއާ ޖެއްސުން ހުއްޓުވާނަން. ހަމައެއާއެކު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިރަށްތައް ތަރައްގީކޮށް މިރަށްތަކުގައި އަމިއްލަ ހަލާލު މަސައްކަތުން މަސައްކަތްކުރާ އާބާދީއެއް އުފައްދަން އެހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނަން" ހަސަން ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ހަސަން ވިދާޅުވީ 2018ގެ ރިޔާސީ އިންތިހާބުން ކާމިޔާބު ލިބޭނެ ކަމާމެދު އެއްވެސް ޝައްކެތްނެތް ކަމަށެވެ. 2018 ގައި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް ހުވާކުރުމަށްފަހު މިގައުމުގެ ހުރިހާ ކަމެއް އިސްލާހު ކުރާނެ ކަމަށާއި، އެއްބައިވަންތަކަން މި މުޖުމަތަމައުން ފެންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ