އަންނަ ހުކުރަށް ގާޒާ ރައްޔިތުން ކުރާ ފޮނި އުންމީދުގެ ވާހަކަ !

އދ އިން ހާމަކުރާގޮތުގައި ފަލަސްތީނުގެ ގާޒާ އަންނަނީ ދުވަހެއް ދުވަހަކަށް ވީރާނާވެ އިންސާނުންނަށް ނުއުޅެވޭ ވަރަށް އާންމު ހާލަތު ދަށްވަމުންނެވެ. ސަބަބަކީ ވަށައިގެން ހުރި ހުރަސްތަކެވެ. އެއް ފަރާތުން މިސްރާއި ގުޅިފައިވާ ބޯޑަރު ބަންދުކޮށްފައިވާއިރު އަނެއް ފަރާތުން އިޒްރޭލާއި ގުޅިފައިވާ ބޯޑަރު އޮތީ ބަންދު ވެފަ އެވެ.
އުންމީދީ ބޯޑަރު ކަމުގައިވާ ފަލަސްތީނުގެ މައި ބިމާ ގުޅޭ ބޯޑަރު އަންނަ ހުކުރު ދުވަހު ފަލަސްތީނުގެ ސަރުކާރާ ހަވާލުކުރަން ހަމާސް ޖަމާއަތުން ވަނީ އެއްބަސްވެފަ އެވެ. އެ އެއްބަސްވުމުގެ ދަށުން އެ ބޯޑަރު ފަލަސްތީނުގެ ސަރުކާރާ ހަވާލުކޮށްފިނަމަ ގާޒާގެ ރައްޔިތުން ދެކޭ ގޮތުގައި އޮތީ ހިތްހަމަޖެހުމެވެ. އުޖާލާ މުސްތަގުބަލެކެވެ.
މިހާރުގެ ހާލަކީ ތޯ އެވެ. ކަރަންޓް ލިބެނީ މަދު ވަގުތުކޮޅަކަށެވެ. ފެނަކީ ތަދު އެއްޗެކެވެ. އިންސާނީ އެހީ ލިބެނީ އެހާމެ ދަތި އުނދަގުލުންނެވެ.
އުމުރުން 18 އަހަރުގެ ޔަހްޔާ އަލް މަޖަޔާދާގެ ވާހަކަ އަޑު އަހާށެވެ. ޔަހްޔާ ބޭނުންވަނީ ބޭސްވެރިކަން ކިޔަވާށެވެ. ޔޫކްރޭންގެ ޔުނިވާސިޓީއަކަށް ވަނުމަށް އެދި ސިޓީލުމުން ޖަވާބުގައި އެ ޔުނިވާސިޓީން ވަނީ އާނބަސްވެސް ބުނެފަ އެވެ. ޔަހުޔާ ހާސިލު ކުރަން ބޭނުންވާ ތައުލީމާއި ޔަހުޔާ އާއި ދެމެދުގައި ހުރަހަކަށް ވަނީ ބޯޑަރެވެ. ވިސާވެސް އެބަ އޮތެވެ. އެހެނަސް ޔަހުޔާއަށް ބޯޑަރު ހުރަސް ކުރެވޭނެ ގޮތެއް ނެތެވެ. އެހެނަސް އަންނަ ހުކުރު ދުވަހު ހަމާސް ފަލަސްތީނު ސަރުކާރާއި ބޯޑަރު ހަވާލުކޮށްފިނަމަ ޔަހުހާ އޭނާގެ އުންމީދުތަކާއި ހުވަފެންތަކައިގެން އުދުހިގަންނާނެ އެވެ.
ދެން އުމުރުން 45 އަހަރުގެ މޭސާ އަލް ޝާންތީގެ ވާހަކައަށް ބަލާލަމާ ހެއްޔެވެ. މޭސާ އަކީ ހަ ކުދިންގެ މަންމައެކެވެ. ދިރިއުޅެމުން އަންނަނީ ސައުދީ އަރަބިއްޔާގަ އެވެ. އެހެނަސް އާއިލާ އޮތީ ގާޒާގަ އެވެ. އާއިލާ މެމްބަރުން ދެކެލަން ދާން މޭސާ އިންތިހާއަށް ބޭނުންވެ އެވެ. އެހެންނަމަވެސް މިހާތަނަށް މޭސާގެ އެ އެދުމަށް ހުރަސް އަޅަނީ ބޯޑަރެވެ.
“އަހަރެންގެ އާއިލާ މެމްބަރުން ލޮލަށް ނުފެންނަތާ މިވަނީ 11 އަހަރު، އަހަރެންގެ ބައްޕަ މަރުވެގެން އެ ދިޔައީ ނުވެސް ފެނި” މޭސާ ބުނެފައި ވެ އެވެ.
މިފަދަ އިތުރު ވާހަކައަކަށް ބަލާލާއިރު އުމުރުން އެންމެ 12 އަހަރުގެ ހަމާދާ އަހުމަދު ބުނެފައިވަނީ ސުލްހައިގެ އެއްބަސްވުމަކީ ކޮން އެއްޗެއްކަން އޭނާއަށް ނުއެނގޭ ކަމަށާއި އެހެންނަމަވެސް ބޯޑަރު ހުޅުވާލައިފިނަމަ ބޭނުން ގައުމަކަށް ޒިޔާރަތް ކުރުމުގެ ފުރުސަތާއި މެކް ޑޮނަލްޑްސް އަށް ގޮސް ކާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމުގެ އުފާވެރި ހަބަރު ބައްޕަ ދެއްވާފައިވާކަމުގައި އެ ކުއްޖާ ވަނީ ބުނެފަ އެވެ.
ގާޒާގެ ރައްޔިތުން ދެކެމުން އަންނަ ހުވަފެންތައް ކިތަންމެ ކުލަ ނަމަވެސް އުންމީދުގެ ހުޅުކޮޅުގައި މާކަ ބާރެއް ހުރި ކަމަކަށް ނުބެލެވެ އެވެ. އަދި ގާޒާއިން ބޯޑަރު ހަވާލު ނުކޮށްފާނެއެކޭ ބުނާކަށްވެސް ނުއެނގެ އެވެ. އެހެންނަމަވެސް ހަމާސް އިން ބުނެފައިވަނީ ބޯޑަރު ހަވާލު ކުރާނީ ވެރިކަންކުރާ ސަރުކާރުގެ ޕާޓީ ފަތަހަ ޖަމާއަތުންވެސް އެއްބަސްވުމާއި އެއްގޮތަށް އަމަލު ކުރާނަމަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ