ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން ހައި ކޯޓުން ފާރިޝްގެ މައްސަލަ މަޑުޖައްސާލައިފި

ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ އިސްތިއުނާފު މައްސަލަ ބަލާ ބެންޗު ބަދަލުކުރި މައްސަލަ އިސްތިއުނާފް ކުރުމުން އެމައްސަލައާއިމެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން ހައި ކޯޓުގައި އޮތް މައްސަލަ މަޑުޖައްސާލައިފި އެވެ.ފާރިސްގެ މައްސަލަ ހައިކޯޓުގައި ކުރިން ބެއްލެވީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އަލީ ސަމީރު ހިމެނޭ ބެންޗަކުންނެވެ. ނަމަވެސް ފަހުން ވަނީ އަލީ ސަމީރުގެ ބަދަލުގައި ބެންޗަށް ސުޖާއު އުސްމާނު ހަމަޖައްސާފައެވެ.  ބެންޗަށް ބަދަލު ގެނެސްފައި މިވަނީ ފާރިސްގެ ބަންދުކުރި މައްސަލަ އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ އަޑުއެހުންތައް ވެސް ނިންމާލާފައިވަނިކޮށެވެ.ފާރިސްގެ މައްސަލަ ނިމެންދެން ބަންދުކުރުމުން އެއީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ފާރިސްގެ ފަރާތުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާކަން ފާރިސްގެ ވަކީލުން މިއަދުގެ އަޑުއެހުމުގައި ފާހަގަކުރެއްވުމުން ހައިކޯޓުން ވަނީ އެކަމާ މެދު ސުޕްރީމް ކޯޓުން ވަކިގޮތެއް ނިމެންދެން ފާރިސްގެ އިސްތިއުނާފް ޝަރީއަތް މަޑު ޖައްސާލަން ނިންމާފައެވެ. ދައުލަތުން އުފުލާފައިވާ ރިޝްވަތު ހުށަހެޅި ކަމުގެ ދައުވާ ގައި ފާރިޝް ބަންދުކުރި އިރު، އެ މައްސަލައިގެ ޝަރީއަތް މިހާރު ކްރިމިނަލް ކޯޓުގައި ވަނީ ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ