ސްކޫލް ކައުންސެލަރުންނަށް ސުޕަވިޝަން ފޯރުކޮށްދެއްވުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކޮށްފި

ސްކޫލް ކައުންސެލަރުންނަށް ސުޕަވިޝަން ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމެއްގައި ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން (ޝީ)އާއި އެކު މިއަދު އެއްބަސްވުމެއްގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ސޮއި ކުރައްވައިފިއެވެ.
މި އެއްބަސްވުމުގެދަށުން ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތްކުރައްވާ ކައުންސެލަރުންނަށް ޝީގެ ފަރާތުން ދެ އަހަރު ދުވަހުގެ މުއްދަތަށް ސުޕަވިޝަން އާއެކު އެހީތެރިކަން ފޯރުކޮށްދެވޭނޭކަމަށް އެދިއުކޭޝަން މިނިސޓްރީން މައުލޫމާތު ދެއެވެ.
ސްކޫލްގައި ތަޢުލީމް ހާޞިލްކުރާ ކޮންމެ ދަރިވަރަކީ ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން ދުޅަހެޔޮ އަދި ދިރިއުޅުމުގައި ކާމިޔާބު ކުދިބަޔަކަށް ހެދުމަށްޓަކައި ކުދިންނަށްބޭނުންވާ ހުނަރާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި ސްކޫލް ކައުންސެލަރުންނަކީ މުހިއްމު ދައުރެއްއަދާކުރާ ބަޔެކެވެ.
ސްކޫލް ކައުންސެލަރުންނަކީ މިހާރުވެސް ސްކޫލްތަކުގައި މިގޮތުން ތަފާތު ހަރަކާތްތައް އެކުލަވާލާ ކުރިއަށްގެންދާ ފަރާތްތަކަކަށް ވާއިރު، މިއަދު ޝީ އާއެކު މިވެވޭ އެއްބަސްވުމާ ގުޅިގެން، ސްކޫލް ކައުންސެލަރުންނަށް ބޭނުންވާ ފަންނީ ލަފައާ އިރުޝާދުގެ އިތުރުން މަސައްކަތްކުރާނެ ހަރުދަނާގޮތްތަކެއް ރާވާ ތަންފީޛުކުރުމަށް އެހީތެރިކަންލިބިގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ.
އެގޮތުން މިހާރުވެސް ސްކޫލްތަކުގައި 53 ސްކޫލް ކައުންސެލަރުން ހަރަކާތްތެރިވަމުންދާއިރު، މީގެ ތެރެއިން 40 ކައުންސެލަރުންނަކީ އަތޮޅުތަކުގެ ސްކޫލުތަކުގައި މަސައްކަތްކުރަމުންދާ ފަރާތްތައްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ