ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ޕީޕީއެމަށް

ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު އަދި ރައީސް މައުމޫނު ސަރުކާރުގެ މިނިސްޓަރުކަން ކުރެއްވި މުހައްމަދު ނަޝީދު ޕީޕީއެމަށް ސޮއިކުރައްވައިފިއެވެ.
 
ނަޝީދު ޕީޕީއެމަށް ސޮއި ކުރެއްވީ މިއަދު މެންދުރު ޕީޕީއެމް އޮފީހުގައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި  ޕީ.ޕީ.އެމް އަށް ސޮއި ކުރެއްވުމަށްފަހު ނަޝީދު ވިދާޅުވީ ޕާޓީގެ އުސޫލުގެ މަތިން ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި އެ ޕާޓީގެ ފަރާތުން ކުރިމަތިލައްވާނެކަމަށެވެ. އަދި ޕީ.ޕީ.އެމްގެ މަޖިލިސް މެމްބަރަކަށް ވުމުން އެޕާޓީއަށް ޤާނޫނީގޮތުން ދޭންޖެހޭ ލަފާތަށް ދިނުމުގައި ދެމިހުއްނަވާނެކަމަށެވެ. ނަޝީދު ވިދާޅުވީ މިނިވަން މެމްބަރެއްގެ ގޮތުގައި ހުރެގެން މަޖިލިސް ތެރެއިން މަސައްކަތް ތަކެއް ކުރިނަމަވެސް އެއީ ސަރުކާރަށް ކޮށްދެވޭ މަސައްކަތްތަކެއްގެ ގޮތުގައި ސަރުކާރާއި މެމްބަރުން ނުދެކޭކަމަށެވެ. އަދި އިދިކޮޅުފަރާތްތަކުންވެސް އެމަސައްކަތް ބަލައިނުގަންނަކަމަށެވެ. އެހެންކަމުން އެފަދަ ދަނޑިވަޅުތަކުގައި ނުތަނަވަސްކަމާއި ކުރިމަތިވާކަމަށެވެ.އެހެންކަމުން ބައެއް ކަހަލަ ކަންތައްތަކަކީ އެކަނި ހުރެގެން ކުރެވޭނެކަންތައްތަކެއް ނޫން ކަމަށާއި، ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމުގެ ގޮތުން ޕާޓީއަކާއި ގުޅުން މުހިއްމު ކަމަށް ނަޝީދު ވިދާޅުވިއެވެ.
ފޯމާ ހަވާލުވެވަޑައިގަތުމަށް ފަހު މައުމޫން ވަނީ ނަޝީދަށް ވަރަށް ބޮޑަށް ތައުރީފްކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ނަޝީދު ޕީ.ޕީ.އެމްއަށް ގުޅިވަޑައިގަތުމަކީ އެ ޕާޓީއަށް ލިބުނު ކާމިއާބީއެއްކަން ފާހަގަކުރައްވަމުން މަޢުމޫން ވިދާޅުވީ ކުރިއަށް ހުރި އިންތިޚާބުތަށް އެޕާޓީއަށް ކާމިޔާބުކުރުމަށް ނަޝީދުގެ ދަޢުރު ވަރަށް ބޮޑުވާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.
 
ޕީޕީއެމަކީ މަގުބޫލް ޕާޓީއަކަށް ހެދުމަށާއި، ސަރުކާރަށް ސިޔާސީ ކާމިޔާބީތައް ހާސިލް ކުރުމުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދަށް ބޮޑު ބައެއް އަދާ ކުރެވިދާނެ ކަމަށް ވެސް މަޢުމޫން ވިދާޅުވިއެވެ.
މީގެ އިތުރުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ޗެއާމަން އިބްރާހީމް މަނިކާއި، މާލޭ ސިޓީ ކައުންސިލްގެ މެންބަރު ޖަންބު ހަސަން އަފީފުގެ އިތުރުން ވެސް ބައެއް ފަރާތްތަކުން ވަނީ ޕީ.ޕީ.އެމް އަށް ސޮއިކޮށްފައެވެ.  ރޭ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މޫސާ އަލީ ޖަލީލު ވެސް ޕީޕީއެމަށް ވަނީ ސޮއިކުރައްވާފައެވެ.
 
ޖަލީލުގެ އިތުރުން ރޭ ވަނީ 1000 މީހެއްގެ ފޯމް ޕީޕީއެމާ ހަވާލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ