މައުމޫން އާއި ނަދީމުގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލައިގެންފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އެމަނިކުފާނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމު ބަންދުން ދޫކޮށްލުމުގެ އަމުރަކަށް އެދި ހުށައެޅި "ހެބިއަސް ކޯޕަސް" މައްސަލަ ކްރިމިނަލް ކޯޓުން މިއަދު ބަލައިގެންފިއެވެ.
މި ދެ ބޭފުޅުންގެ ވަކީލް މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައުމޫން އާއި ނަދީމުގެ ފަރާތްޕުޅުން ހުށަހެޅި އެ މައްސަލަ ކްރިމިނަލް ކޯޓުން ބަލައިގެންފައިވާ ކަމަށާއި އެ ދެ ބޭފުޅުންގެ ހައްޔަރުކޮށްފައިވަނީ ގާނޫނާއި ހިލާފަށް ކަމަށް ކަނޑައަޅައި ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގައި އެދިފައިވާނެ ކަމަށެވެ.
މައުމޫން އާއި ނަދީމު ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު މިދިިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އެ ދެ ބޭފުޅުން ވެސް ހައްޔަރު ކޮށްފައި ވަނީ ރިޝްވަތު ދިނުމާއި ޤާނޫނާއި ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ތުހުމަތުކޮށެވެ. ނަމަވެސް މި ތުހުމަތުތަކަށް ރައީސް މައުމޫން އިންކާރު ކުރައްވައެވެ.
މައުމޫން ހައްޔަރުކޮށްފައިވާއިރު ފުލުހުން މިއަދު ވަނީ އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވެސް ހައްޔަރުކޮށްފައެވެ. މިއީ ފާރިސް ހައްޔަރުކުރި ތިންވަނަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ