ޕްރީ ސްކޫލް ކުދިން ދިވެހި ބަހުން ވާހަކަ ދެއްކުމަށް "މަހާސަމާ" އެއް ފަށައިފި

ދިވެހި ބަހުގެ އެކެޑެމީގެ ފަރާތުން ޕްރީ ސްކޫލު ކުދިންނަށް އަމާޒުކޮށްގެން "ތުއްތުކުދީންގެ ވާހަކަ ދެއްކުމުގެ މަހާސަމާ 2018" ގެ ނަމުގައި ހަރަކާތެއް ބާއްވައިފިއެވެ.
މި މުބާރާތަކީ ތުއްތު ކުދިންގެ ހިތުގައި ދިވެހި ބަހާއި މެދު ލޯބި ޖެއްސުމަށާއި، ތުއްތު ކުދިންގެ ދިވެހި ބަހުގެ ބަސްކޮށާރު މުއްސަނދިކޮށް، އެ ކުދިންގެ ދިވެހި ބަހުގެ ޤާބިލިއްޔަތުކަން އިތުރުކުރުމަށާއި، ދިވެހި ބަހުގެ ފަސޭހަ ޤަވައިދުން ވާހަކަ ދެއްކުމުގެ ފުރުސަތު ފަހިކޮށްދިނުމަށާއި ވާހަކަދެއްކުންތެރި ދަރީންތަކެއް ބިނާކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ދިވެހި ބަހުގެ އެކެޑެމީ އިން ވިދާޅުވެއެވެ.
މިއަދު ހެނދުނު މަހާސަމާ ފެށުމަށް ބޭއްވި ޖަލްސާ ޝަރަފުވެރި ކޮށްދީފައިވަނީ މިނިސްޓަރ އޮފް ޖެންޑާރ އެންޑް ޔޫތް އާމިނަތު ޒެނީޝާ ޝަހީދު ޒަކީއެވެ. އޭގެ އިތުރުން ދިވެހި ބަހުގެ އެކެޑެމީގެ ރައިސް އަލްފާޞިލް އަޝްރަފް އަލީއާއި އެ އެކެޑެމީގެ އިސް ބޭފުޅުންނާއި ޕްރީސްކޫލްތަކުގެ އިސްވެރިންނާއި ދަރިވަރުން އަދި ބެލެނިވެރިން ވެސް މި މަހާސަމާގައި ވަނީ ބައިވެރިވެފައެވެ.
މަހާސަމާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒެނީޝާ ވިދާޅުވީ އެކަމަނާގެ އިލްތިމާސަކީ ކުދިން ދިވެހި ބަހުން ވާހަކަ ދެއްކުމަށް އާދަކޮށްދިނުން ކަމަށެވެ.
"އަޅުގަނޑުގެ އިލްތިމާސާކީ ގޭތެރޭގެ މާހައުލުގައިވެސް  ބެލެނިވެރިން ކުދިންނާއި ދިވެހި ބަހުން ވާހަކަ ދެއްކެވުމަށް އާދަކޮށް އަދި އެކަމަށް ކުދިން ޝައުޤުވެރިކަން އުފެއްދުމަށް މަސައްކަތް ކުރުން" މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ.
މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ހުރިހާ ޕްރީސްކޫލްތަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިގެން ކުރިއަށް ގެންދާ މި މަހާސަމާ ގައި ޖުމްލަ 8 ސްކޫލަކުން 40 ތުއްތުކުދިން ވަނީ ބައިވެރިވެފައެވެ. މި މަހާސަމާގައި ބައިވެރިވި ސްކޫލްތަކުގެ ތެރޭގައި މާފަންނު މަދަރުސާ، މަދަރުސަތުލް އަމީރު އަޙްމަދު، ފަލާޙް ޕްރީސްކޫލް، ގަލޮޅު ސްކޫލް، ދޮންދޫނި ލިޓްލް ލާރނާރސް ޕްރީސްކޫލް، ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ޕްރީސްކޫލް، އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް އަދި ޝެއިޚް އަބްދުއްރަޙްމާން ޕްރީސްކޫލް ހިމެނެއެވެ.
"މާދަރީ ބަހުން ކުދިންނާ ވާހަކަދެއްކުމުގެ ނަތީޖާއެއްގެ ގޮތުން ކުއްޖާގެ ބަސްކޮށާރުގެ މުއްސަނދިކަން އިތުރަށް ތަނަވަސްވެ އޭނާގެ ސިކުނޑި އާދަޔާ ޚިލާފަށް ހުޅުވިގެން އަންނާނެ. މީގެ ނަތީޖާއެއްގެ ގޮތުން ކުއްޖާއަށް އެތައް އެތައް ބަހެއް ދަސްކުރަން ޖެހުނު ކަމުގައިވިޔަސް އެއްވެސް ދަތި ކަމަކާއި ނުލާ އައު ބަސްވެސް ދަސްކުރުމަށް ފަސޭހަވޭ" މި ހަފްލާގައި ވާހަކަ ދައްކަވަމުން އެކެޑެމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވިއެވެ.
މި މަހާސަމާ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކޮންމެ ދަރިވަރަކަށްވެސް އެ ދަރިވަރަކު ބޭނުން މައުޟޫއެއްގެ މައްޗަށް ގިނަވެގެން 3 މިނެޓް ވަންދެން ވާހަކަ ދެއްކުމަށް ފުރުސަތު ދެވިގެންނެވެ.
މިއީ ދިވެހިބަހުގެ ދުވަހާއި ގުޅިގެން ބަހުގެ އެކެޑެމީއިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، މި ފަދަ ހަރަކާތެއް ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ