އެޗްއާރުސީއެމް އިން އަބްދުﷲ ރިޔާޒް އާއި ބައްދަލުކޮށްފި

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ކިނބިދޫ ދާއިރާގެ މެންބަރު، އަދި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބައްދަލުކޮށްފިއެވެ.
މި ބައްދަލުވުމުގައި ރިޔާޒްގެ ފަރާތުން ގިނަ ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފައިވެއެވެ. އެގޮތުން ފުލުހުން އަބްދުﷲ ރިޔާޒް ހައްޔަރު ކޮށްފައިވަނީ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުގެ ޤާނޫނާ ޚިލާފަށްކަމަށާއި، ހައްޔަރު ކުރެވުނީ ކޮން ކުށެއްގެ ތުހުމަތުގައިކަން އަންގާފައިވަނީވެސް ހައްޔަރު ކުރިތާ 12 ދުވަސް ފަހުން ކަމަށް އަދި އެކަށީގެންވާ މިންވަރަށް ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ޤާނޫނީ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުޞަތު ނުލިބޭކަމަށް ރިޔާޒް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ފުލުހުންގެ ބަންދުގައި ހުންނަވާއިރު މަޖިލީހުގެ ޖަލްސާތަކަށް ހާޒިރު ކޮށްދީފައި ނުވާކަމާއި، ނޯޓް ކޮށްލާނެ ގަނޑެއް ގަލަމެއް ނުލިބޭކަމަށް އަދި ސާފު ބޯފެނުގެ ދަތިކަން ހުރިކަމަށް ރިޔާޒް ވަނީ އެޗްއާރުސީއެމްގެ ވަފްދުގައި ދަންނަވާފައެވެ.
ކިނބިދޫ ދާއިރާގެ މެންބަރު، އަބްދުﷲ ރިޔާޒް ހައްޔަރު ކޮށްފައިވަނީ އެއްވެސް ހެއްކެއް ނެތި، ހަމައެކަނި "ސިޔާސީ" ބޭނުމަކަށް ކަމަށް ވިދާޅުވެ، ޣައިރު ޣާނޫނީ ބަންދުން ރިޔާޒް ދޫކޮށްލުމަށް އެޗްއާރުސީއެމް އިން މަސައްކަތް ކޮށްދެއްވުމަށް އޭނާ ވަނީ އެޗްއާރުސީއެމްގައި އެދިލައްވާފައެވެ.
ނުރައްކަލުގެ ހާލަތުގެ ދަށުން ދޫނިދޫގައި ބަންދުކޮށްފައިވާ ފަރާތްތަކުން އެކްޓިން ކޮމިޝަނަރު އަބްދުﷲ ނަވާޒާއި ބައްދަލުކުރަން އެދުމުން ވެސް މިހާތަނަށް ޖަވާބެއް ލިބިފައި ނުވާތީ އާއި ޖަލުގެ ހާލަތާ މެދު ކުރެވިފައިވާ ޝަކުވާތަކަށް ހައްލެއް ލިބިފައި ނުވާތީ، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ދޫނިދޫގައި ބަންދުކޮށްފައިވާ ގިނަ ބަޔަކު ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް މިއަދު ވަނީ ފަށައިފައެވެ.
ޤާނޫނާ ހިލާފުވާ ފަރާތްތަކާމެދު ޤާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އެޅުމަށް މި ސަރުކާރު ފަސް ނުޖެހޭނެކަމަށް ތަކުރާރުކޮށް ޕީޕީއެމް އިން ބުނަމުންދާއިރު، ފުލުހުން މިއަދު ބުނެފައިވަނީ ގާނޫނާއި ހިލާފު އެއްވުންތައް ރާވާ ހަރަދުކުރާ ފަރާތްތައް ހޯދައި އެ ފަރާތްތަކާއިމެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު ފުލުހުން އަޅާނެކަމަށެވެ.
ނަމަވެސް ޖުމްހޫރީ ޕާޓީން މިއަދު އެޕާޓީގެ އޮފީސް މ. ކުނޫޒުގައި ބޭއްވި ނޫސްވެރިން ބައްދަލު ވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އިދިކޮޅު ފަރާތް ތަކުން މާދަމާ ބާއްވަން ރާވަމުންދާ ބޮޑު އެއްވުމުގައި ބައިވެރިވެގެން އެއްވެސް ދިވެހި ރައްޔިތަކު ކުށްވެރި ނުވާނެ ކަމަށެވެ.
ރޭ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައިވެސް 15 މީހަކު ފުލުހުން ހައްޔަރުކޮށްފައިވާއިރު، ކުރީގެ ރައީސް މުޙައްމަދު ނަސީދުގެ ގޮވާލެއްވުމަށް މިއަދު މެންދުރުފަހު އެމްއެމްއޭ ސަރަހައްދަށް އެއްވެފައިވަނީ ސާޅީހަކަށް މީހުންކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ