މިދިޔަ އަހަރު 628 ގިގަވޮޓް އަވާގެ ކަރަންޓު ހަކަތަ ބޭނުންކޮށްފި

މިދިޔަ އަހަރު ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޖުމުލަ 628 ގިގަވޮޓް އަވާގެ ކަރަންޓު ހަކަތަ ބޭނުންކޮށްފިއެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީން މިއަދު ނެރުނު ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާއާއި ބެހޭ ތަފާސްހިސާބު ހިމެނޭ ފޮތް "އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ ބުކް 2017" ގައިވާ ގޮތުން އޭގެ ތެރެއިން 59.8 އިންސައްތަ ބޭނުންކޮށްފައިވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައެވެ.
އެ ފޮތް ނެރެދެއްވީ އެކަމަށްޓަކައި މިއަދު އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓާ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ ތާރިގް އިބްރާހީމެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނި ގޮތުގައި މިއީ ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާއާއި ބެހޭ މައުލޫމާތު އެއްކޮށް ހިމެނިފައިވާ އެ ފަދަ ފޮތެއް އެ މިނިސްޓްރީން ނެރުނު ފުރަތަމަ ފަހަރެވެ. "އެނާޖީ އައުޓްލުކް ފޮ އިންހެބިޓެޓް އައިލެންޑް 2013" ގެ ނަމުގައި އަދި އޭ ގެ ދެވަނަ ފޮތް "އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ ބުކް 2016" އި ގެ ނަމުގައި ވޭތުވެދިޔަ އަހަރުގެ ޑިސެމްބަރުމަހު މަހުގައި ވަނީ ނެރެފައެވެ.
"އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ ބުކް 2017″ އަކީ އެ ސިލްސިލާގެ ތިން ވަނަ ފޮތް ކަމަށާއި އެ ފޮތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ ނިޒާމުތަކުގެ މުހިންމު މަޢުލޫމާތުތަކާއި، ހަކަތައިގެ ދާއިރާއަށް ބޭނުންތެރި ގިނަ ތަފާސްހިސާބުތައް ހިމެނޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.
އެގޮތުން ރާއްޖޭގެ ބައެއް ރިސޯޓްތަކުގައި ކަރަންޓު އުފައްދާ ބޭނުންކުރެވުނު މިންވަރުގެ މަޢުލޫމާތާއި، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ހޯދިފައިވާ ކުރިއެރުންތަކާއި އަދި ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި ބޭނުންކުރަމުންދާ އިއާދަކުރަނިވި ހަކަތައިގެ އެކިއެކި ވަސީލަތްތަކުގެ މަޢުލޫމާތު ވެސް އެ ފޮތުގައި ހިމަނާފައިވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.
"އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ ބުކް 2017" ގައިވާ ގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޖުމްލަ 214 މެގަވޮޓް ކެޕޭސިޓީގެ ޖެނެރޭޓަރު ބެހެއްޓި، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އިރުގެ އަލިން ހަކަތަ އުފައްދާ މިންވަރުވަނީ 6 މެގަވޮޓަށް އިތުރު ކުރެވިފައެވެ.
މިދިޔަ އަހަރުގެ ތެރޭގައި 445،036 މެޓްރިކް ޓަނުގެ ޑީސަލް، 47،794 މެޓްރިކް ޓަނުގެ ޕެޓްރޯލް ވަނީ ރާއްޖެ އެތެރެ ކުރެވިފައެވެ. އޭގެ އިތުރުން 30،611 މެޓްރިކް ޓަނުގެ އޭވިއޭޝަން ގޭސް އަދި 13،619 މެޓްރިކް ޓަނުގެ ކައްކާ ގޭސް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ ބުކް 2017 ގައި ހާމަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ