ރޯދައަށް ރައީސް މައުމޫނު ގެއަށް ބަދަލުކޮށްދިނުމަށް މެޑަމް ނަސްރީނާ އެދިވަޑައިގެންފި

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތާއި އެހެނިހެން ތުހުމަތިތަކެއްކޮށް ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް މި ރޯދަމަހު ގެއަށް ބަދަލުކޮށްދިނުމަށް ރައީސް މައުމޫނުގެ އަނބިކަނބަލުން އަދި ކުރީގެ ފަސްޓްލޭޑީ މެޑަމް ނަސްރީނާ އިބްރާހިމް އެދިވަޑައިގަންނަވައިފިއެވެ.
މެޑަމް ނަސްރީނާ މިކަމަށް އެދިވަޑައިގެންނެވީ މިމަހުގެ 15 ވަނަ ދުވަހު ކްރިމިނަލް ކޯޓަށާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަކިވަކިން ފޮނުއްވި ދެ ސިޓީއެއްގައެވެ.
މެޑަމް ނަސްރީނާ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ކުރިމިނަލް ކޯޓުން ނެރުއްވި އަމުރެއްގެ ދަށުން ފިރިކަލުން މައުމޫން ދޫނިދޫގައި ބަންދުކުރައްވައިގެން ގެންގުޅުއްވާތާ މިހާރު ތިންމަހަށްވުރެ ގިނަ ދުވަސްވެފައިވާކަމަށާއި އެމަނިކުފާނަކީ އުމުރުފުޅުން އަށްޑިހަ އަހަރަށްވުރެ މައްޗަށް ގޮސްފައިވާ ބޭފުޅެއް ކަމުގައެވެ.
"ވޭތުވެދިޔަ ހަމަހެއްހާ ދުވަހު އެމަނިކުފާނު އުޅުއްވަމުން ގެންދަވަނީ [ބެނައިން ޕެރޮކްސިސިމަލް ޕޮޒިޝަނަލް ވަރޓިގޯ] އާލާސްކަންފުޅު ތަޙައްމަލު ކުރައްވަމުންނެވެ. އެ އާލާސްކަންފުޅަކީ އޭގެ ސަބަބުން ކުއްލިއަކަށް އިސްތަށިފުޅު އަނބުރާ ވަޑައިގެން ކޮޅަށް ހުންނެވުމަށް ދަތިފުޅުވެ އަމިއްލަފުޅަށް އެއްވެސް ކަމެއް ނުކުރެއްވޭގޮތް ދިމާވާކަމެކެވެ. އަދި އެކަން އޮގޮތަށް ދިމާވާތީ އެމަނިކުފާނު ގިނިކަންޏާ ހުންނަވަން ޖެހިވަޑައިނުގަންނަވާގޮތަށް އަބަދުވެސް އަރިހުގައި މީހަކު ހުންނަން ޑަކްޓަރުން އިރުޝާދުދީފައިވާ ކަމެއްމެއެވެ" މެޑަމް ނަސްރީނާގެ ސިޓީގައި ވެއެވެ.
މެޑަމް ނަސްރީނާގެ ސިޓީގައި އިތުރަށް ވިދާޅުވެފައިވަނީ ރަމަޟާން މަހާ ކުރިމަތިލާއިރު އަންނައިރު ދޫނިދޫގައި ހުންނަވަން ޖެހިވަޑައިގަތުމަކީ ރައީސް މައުމޫނަށް ތަޙައްމަލު ކުރެއްވޭވަރަށްވުރެ ގިނަ ދަތިތަކެއް ކުރިމަތިވެވަޑައިގަންނަވާނޭ ކަމެއްކަމަށް އިޙްސާސްކުރެވޭކަމަށާއި ރޯދަފުޅު ހިއްޕެވުމާއި ރޯދަމަހަށް ޚާއްޞައަޅު ކަންތައް ކުރައްވައި ހެއްދެވުމަކީ، އެފަދަ ހާލުކޮޅެއްގައި ގިނިކަންޔާ ހުންނަވައިގެން ރައީސް މައުމޫނަށް ކުރެއްވޭނެ ކަންތައްތަކެއް ނޫންކަން ޔަޤީންވެވަޑައިގަންނަވާ ކަމުގައެވެ.
މީގެ އިތުރުން ރަމަޟާން މަހު ރައީސް މައުމޫން ގެއަށް ބަދަލުކުރެވޭނެގޮތެއް ހައްދަވައިދެއްވުން އެދިވަޑައިގަންނަވާ ކަމަށްވެސް މެޑަމް ނަސްރީނާގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ