އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 27.9 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓު ހުއްޓުވުމަށް އެދި އިދިކޮޅު އެމްޑީޕީ އިން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
އެޕާޓީ އިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ, ބަޖެޓު ފާސްކުރުމަކީ ޤާނޫނު ފާސްކުރާ ދަރަޖައާއި ތަފާތު ކަމަށް ވާތީ, ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުންގެ ހާޟިރުގައި މެނުވީ ވޯޓަށް ނޭހޭ ގޮތަށް ކަނޑައަޅައި ދިނުމަށެވެ.
އެމްޑީޕީ އިން މިފަދަ އިން މައްސަލަ ހުށަހަޅައިފައިވާ އިރު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީ އިން ވަނީ ފިނޭންސް މިނިސްޓްރީ ފޮނުވި ބަޖެޓު އެއްވެސް ބަދަލެއް ގެނައުމަކާއި ނުލާ ފާސްކޮށްފައެވެ. މިބަޖެޓު ފާސްކޮށްފައި ވަނީ ބަޖެޓު ކޮމިޓީ އަށް ހާޟިރުވެ ތިބި ސަރުކާރު ކޯލިޝަންގެ މެންބަރުންގެ އަގުލަބިއްޔަތުންނެވެ. މިވޯޓުގައި އިދިކޮޅަށް ނިސްބަތްވާ އެއްވެސް މެންބަރަކު ބައިވެރިވެފައެއް ނުވެއެވެ. ކޮމިޓީ ބައްދަލުވުން ތެރޭގައި ހިނގި ދެބަސްވުމެއްގެ ސަބަބުން އެމެންބަރުން ވަނީ ބައްދަލުވުން ދޫކޮށް ވަޑައިގެންފައެވެ.
އިދިކޮޅު މެންބަރުން މިބަޖެޓާއި މެދު ހިތްހަމަނުޖެހޭ ކަން ވަނީ ފާޅުކޮށްފައެވެ. އެގޮތުން މިބަޖެޓުގެ ސަބަބުން ސަރުކާރު އިތުރަށް ދަރަނިވެރި ވާނޭ ކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިބަޖެޓު ފާސްކުރުމަށް ޓަކައި ވޯޓު ނެގުން ވަނީ ތާވަލުކޮށްފައެވެ. އެމްޑީޕީ އިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި މިވޯޓު ފަސްކުރުމުގެ އަމުރަކަށް ވެސް ވަނީ އެދިފައެވެ.
ބަޖެޓު ފާސްކުރުމުގެ ވޯޓު ހުއްޓުވަން އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ