ގާނޫނާ ޚިލާފަށް ހައްޔަރުކުރުމުގެ ޒިންމާ ނަންގަވަންޖެހޭނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ކުރީގެ ސިފައިންގެ އެންމެ މަތީވެރިޔާ މުހައްމަދު ނަޝީދުކަން ގިރިފުށީގައި ހުންނެވިއިރު، ބައްދަލުވި އެމްޑީޕީ ސަރުކާރުގެ އިސްވެރިންގެ ވާހަކަތަކުން އެނގިވަޑައިގެންނެވި ކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެއްވަމުން އަބްދުﷲ ގާޒީ ވިދާޅުވީ ގިރިފުށީގައި ބަންދުކޮށްފައި ބެހެއްޓިއިރު އޭނައާ ބައްދަލުކުރައްވާފައި ވަނީ އެމްޑީޕީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނާއި އެ ސަރުކާރުގެ ޔޫތު މިނިސްޓަރު ހަސަން ލަތީފު އާއި ރައީސް ނަޝީދުގެ ސްޕެޝަލް އެންވޯއީ އިބްރާހީމް ހުސައިން ޒަކީ ކަމަށެވެ.
"އެބޭފުޅުންގެ މައްޗަށް އަމުރު އަންނާނީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ކަން ވާހަކަތަކުން އެނގުނު،" އަބްދުﷲ ގާޒީ ވިދާޅުވި އެވެ.
އިސް ގާޒީ ވިދާޅުވީ ބަންދުން ދޫކޮށްލެވޭނެ ޝަރުތުތަކެއް ވެސް އެބޭފުޅުން އޭނާ އަރިހު ދެންނެވި ކަމަށެވެ. އެއީ ފަނޑިޔާރުކަމުން އިސްތިއުފާ ދިނުމާއި ނޫންނަމަ އަމިއްލަ ރަށް ކަމުގައިވާ ރ. ހުޅުދުއްފާރަށް ބަދަލުވުމާއި އެގޮތް ބޭނުން ނުވާނަމަ ރާއްޖެއިން ބޭރަށް ދިޔުން ކަމަށް އެބޭފުޅުން ވިދާޅުވި ކަމަށް އަބްދުﷲ ގާޒީ ވިދާޅުވި އެވެ.
އަބްދުﷲ ގާޒީ ވިދާޅުވީ 16 ޖެނުއަރީ 2012 ވަނަ ދުވަހުގެ ރޭ އަނބިކަނބަލުންނާއެކު ކެއިން ބައްލަވަން އިންނަވަނިކޮށް ސިފައިންނާ ފުލުހުންގެ ޔުނީފޯމްގައި" ތިބި ބަޔަކު އެގޭތެރެއަށް ވަތް ކަމަށެވެ. އަދި އެމީހުން ތިބީ މޫނުނިވާކޮށްގެން ކަމުގައި ވުމުން އެއީ ކޮންބައެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.
ސިފައިންގެ ހެދުމުގައި ތިބި މީހުން އެމީހުންނާއެކު ދާން އެންގުމުން، ގާނޫނު އަސާސީ އާއި އިސްލާމީ ޝަރީއަތުގައި ގޯތި ގެދޮރަކީ ހުރުމަތްތެރިވެގެންވާ ތަންތަން ކަމުގައި ވާތީ، އެގެއަށް ވަނުމުގެ ކޯޓު އަމުރު ކޮބައިތޯ ސުވާލުކުރެއްވި ކަމަށް އަބްދުﷲ ގާޒީ ވިދާޅުވި އެވެ. އެހެންނަމަވެސް ކޯޓު އަމުރެއް ދައްކާފައި ނުވާތީ އެގެއިން ނުކުތުމަށް އެންގި ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.
އިސް ގާޒީ ވިދާޅުވީ ގެއިން ނެރެގެން އޭނާ ގެންގޮސްފައި ވަނީ އަތާއި ފައިގައި ހިފައި ދަމައި ގަދަކަމުން ކަމަށާއި އެކަމުގެ ސަބަބުން ވައަތަށް އަނިޔާވެފައިވާ ކަމަށެވެ.
ފަނޑިޔާރުންގެ ބެންޗުން ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި އިސް ގާޒީ ވިދާޅުވީ ގާނޫނާ ޚިލާފަށް ހައްޔަރުކޮށްގެން އޭނާ ގެންދިޔައީ ކޮންރަށަކަށް ކަން ކުރިން އެނގިވަޑައިނުގަންނަވާ ކަމަށެވެ. ސަބަބަކީ ގިރިފުއްޓަކީ އެހާތަނަށް ދުވަހަކު ވެސް ދިޔަ ރަށަކަށް ނުވާތީ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.
ގިރިފުށީގެ އުތުރު ފަރާތު ކޮޓަރިއެއްގެ ތެރޭގައި ބަންދުކޮށްފައި ބެހެއްޓިއިރު ގާނޫނު އަސާސީން ލިބިދޭ ހައްގުތައް ލިއްބައިދީފައިނުވާ ކަމަށް އަބްދުﷲ ގާޒީ ވިދާޅުވި އެވެ. 22 ދުވަސް ވަންދެން ބަންދުކޮށްފައި ބެހެއްޓުމުގެ ސަބަބުން އެތަކެއް ހައްގުތައް ގެއްލިގެން ގޮސްފައިވާ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.
އަބްދުﷲ ގާޒީ މިރޭ ޝަރީއަތަށް ހާޒިރުކޮށްފައި ވަނީ ޝަރީއަތުން ބޭނުންވެގެންނެވެ. ފަނޑިޔާރުންގެ ބެންޗުން ސުވާލުކޮށް ނިމުމުން ދައުލަތަށް ފުރުސަތު ދެއްވުމުން ދައުލަތުގެ ވަކީލު ވިދާޅުވީ ދައުލަތުން ސުވާލުކުރަން ބޭނުންނުވާ ކަމަށެވެ.
ސުވާލުކުރަން ރައީސް ނަޝީދަށް ފުރުސަތު ދެއްވުމުން އެމަނިކުފާނު ވިދާޅުވީ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންފުޅުވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ކުރިން އައްޔަންކުރި ވަކީލުން ތަނާޒުލްވެވަޑައިގެންފައިވާ ކަމަށާއި އެހެންކަމުން ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ ފުރުސަތެއް ބޭނުންވާ ކަމަށެވެ.
ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ ވަކީލަކު ހަމަޖެއްސުމުގެ ފިރުސަތު އަބަދުވެސް ރައީސް ނަޝީދަށް އޮންނާނެ ކަމަށާއި ވަކީލަކު ހަމަޖެއްސުމާ ގުޅޭކަންތައްތައް ރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ކިޔައިދީފައިވާނެ ކަމަށެވެ.
ކުރީގެ ވަކީލުންގެ ޓީމުން ކޯޓަށް ވަޑައިނުގަތަސް ދޫނިދޫގައި ރައީސް ނަޝީދާ ބައްދަލުކޮށް ހަދާ ކަމަށް ފުލުސް އޮފީހުން ބުނެފައިވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. އެހެން ވިދާޅުވުމުން ރައީސް ނަޝީދު ވިދާޅުވީ ފަނޑިޔާރުންގެ އަމަލުތަކުގެ ސަބަބުން އެ މައްސަލާގައި އިތުރަށް ވަކާލާތު ކުރުމަށް އެބޭފުޅުން ތަނާޒުލްވެވަޑައިގަންނަވާ ކަމަށާއި ބޭނުންވަނީ އިތުރު ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު ކަމަށެވެ.
ރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު ދިނުމަށް ފޯންކުރުމުގެ ފުރުސަތު ދިނުމުން އެކަމުގެ ބޭނުން ރައީސް ނަޝީދު ކުރައްވާފައިނުވާ ކަމަށް ފުލުސް އޮފީހުން ކޯޓަށް އަންގާފައިވާ ކަމަށެވެ.
މިރޭގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވާފައި ވަނީ ހެކިބަހާއި ގުޅޭގޮތުން ވާހަކަދެއްކުމާއި ޚުލާސާ ގޮތެއްގައި މުޅި މައްސަލައާ ގުޅޭގޮތުން ވާހަކަދެއްކުމަށް ހުކުރު ދުވަހުގެ ޝަރީއަތުގެ މަޖިލީހެއް ބާއްވާނެ ކަމަށް އިއުލާން ކުރެއްވުމަށްފަހު އެވެ.
ހައްޔަރުކުރުމުގެ ޒިންމާ ނަންގަވަންޖެހޭނީ ރައީސް ނަޝީދު: އަބްދުﷲ ގާޒީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ