ސުޕްރީމް ކޯޓުން ކުރަން އުޅޭ ހުކުމަށް ތަބާނުވުމަށް ފުލުހުންނާއި ސިފައިންނަށް އޭޖީ އަންގައިފި

ސުޕްރީމް ކޯޓުން ކުރަން އުޅޭ ހުކުމަށް ތަބާނުވުމަށް ފުލުހުންނާއި ސިފައިންނަށް ބަންޑާރަނާއިބު އަންގައިފިއެވެ. ޕީއެސްއެމް މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ބަންޑާރަނާއިބު އަނިލް ވިދާޅުވީ ކޯޓް އަމުރު ތަންފީޒު ކުރުމުގެ ކަންތައްތައް ކުރަމުން އަންނަ އިރު ރާއްޖޭގެ ގައުމީ ސަލާމަތާ ބެހޭ މައްސަލައެއް ވަނީ ކުރިމަތިވެފައި ކަމަށެވެ. އަދި ރާއްޖޭގެ ރައީސް އަޒުލް ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި މިއީ ގައުމީ ސަލާމަތަށް ނުރައްކާވެފައިވާ ދަނޑިވަޅެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވަކިކުރަން ސުޕްރީމް ކޯޓުން މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެފަދަ އަމުރެއް ސުޕްރީމް ކޯޓަށް ނުނެރެވޭނެ ކަމަސް އޭޖީ އަނިލް ވިދާޅުވިއެވެ. އެ އިހުތިސޯސް ކޯޓަށް ނެތް ކަމަށާއި ސަލާމަތީ ބާރުތަކުން އެފަދަ އަމުރަކަށް ބޯ ނުލެބުމަށް އޭޖީގެ ހައިސިއްޔަތުން އަންގާފައިވާ ކަމަށް އަނިލް ވިދާޅުވިއެވެ.
މި ބަޔާނުގައި ފުލުހުންގެ މުއައްސަސާ ހިންގެވުމާ ހަވާލުވެ ހުންނެވި ނަވާޒާ، ޖެނެރަލް ޝިޔާމް ވިދާޅުވީ ދިވެހި އަސްކަރިއްޔާއިން މަސައްކަތް ކުރާނީ އޭޖީގެ ލަފާގެ މަތިން ކަމަށާއި ރައީސް އަޒުލް ކުރަން ސުޕްރީމް ކޯޓުން ނެރޭ އަމުރަކަށް ސިފައިން ތަބާނުވާނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން އެފަދަ އަމުރެއް ނެރުނަސް ފުލުހުން ތަބާ ނުވާނެ ކަމަށާއި ތަބާވާނީ އޭޖީގެ އަމުރަށް ކަމަށް ދެބޭފުޅުން ވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ