ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ އިޙްތިޞާޞް ސުޕްރީމް ކޯޓަށް ލިބިގެން ނުވޭ – އަޙްމަދު މުޢިއްޒު

ސުޕްރީމް ކޯޓުން އަމިއްލަފުޅަށް އިސް ނަންގަވައިގެން ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ އިހުތިސާސް، އެ ކޯޓަށް ލިބިގެން ނުވާ ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެކަމާ ގުޅިގެން ކުރީގެ ޕީޖީ މުއިއްޒު މިއަދު ސަން ނޫހަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ، ޤާނޫނު އަސާސީގެ 100 ވަނަ މާއްދާގައި ބުނެފައިވާ ގޮތަށް، ރައީސް މަގާމުން ދުރުކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ ހުށަހަޅާ އެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ކަމަށެވެ. އަދި މަޖިލީހުގެ މަރުހަލާ ކަޑައްތު ނުކޮށް އެނޫން ގޮތަކަށް ރައީސް މަގާމުން ވަކި ނުކުރެވޭނެ ކަމަށް މުއިއްޒު ވިދާޅުވި ކަމަށްވެސް ސަން ވަނީ ހާމަކުރައްވާފައެވެ.
އަދި ހަމައެހެންމެ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ މުއިއްޒު ވިދާޅުވީ، މުއައްސަސާތަކުން ގާނޫނު އަސާސީ އާއި ގާނޫނުތަކަށް އަމަލު ކުރުމަށް ބާރު އެޅުވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއް ކަމަށެވެ.
ކުރީގެ ޕީޖީ މުޢިއްޒު މިހެން މި ވިދާޅުވީ، ރައީސް އަޒުލު ކުރުމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެ، އެ އަމުރަށް ތަބާ ނުވުމަށް ޤާނޫނު ތަންފީޒު ކުރާ އިދާރާތަކަށް މިހާރު ދައުލަތުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް އަންގަވައިފަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ