ރައްޔިތުންގެ ފައިސާއިން ބޮޑެތި އަދަދުތަކުން މުސާރަ ނަގައިގެން ހުންނަ މީހަކު ގާނޫނުގައި ލާޒިމުކުރާ ކަންކަން ރައްޔިތުންނަށް ކޮށްދިނުމަކީ އެމީހެއްގެ މަސްއޫލިއްޔަތު ކަމަށާއި އެއީ އެމީހާގެ ހެޔޮކަމުން ރައްޔިތުންނަށް ކޮށްދޭ ކަންކަން ނޫންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މާމިގިލި ރައްޔިތުންނާއި މުޚާތަބުކުރައްވައި ރޭ ގާސިމް ވިދާޅުވީ ހެޔޮކަމަކީ ރައްޔިތުންގެ ފައިސާއިން މުސާރަ ނުނަގައި ހުންނަ މީހަކު ރައްޔިތުންނަށްޓަކައި ހިލޭ ސާބަހަށް ކޮށްދޭ ކަންކަން ކަމަށެވެ. އަމިއްލަ ފައިސާއިން ރައްޔިތުންނަށް ކުރާ ހޭދަކަމަށެވެ.
މާމިގިލީގެ ތަރައްގީއަށް އިޝާރާތް ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ކާޅު ހާލި ހެދީމާ ކޮވެލި އައިސް އެހާއްޔަށް ބިސް އެޅި ނަމަވެސް އެއީ ކޮވެލި ހެދި ހާއްޔަކަށް ނުވާނެ ކަމަށާއި ހާލި ވާނީ ހަމަ ކާޅު ހެދި ހާއްޔަކަށް ކަމަށެވެ.
ރައީސް ޔާމީނުގެ މަންދޫބުން މާމިގިއްޔަށް ވަޑައިގެން ދައްކަވަމުންގެންދަވާ ވާހަކަފުޅުތަކަށް މިސާލު ދައްކަވަމުން ގާސިމް ވިދާޅުވީ ވެނުމަސް ވެނަށް ކާންދިނުމަށްފަހު ޝުކުރުވެރިވާށޭ ބުންޏަސް ޝުކުރުވެރިވާން ނުޖެހޭނެ ކަމަށެވެ.
ގާސިމް ވިދާޅުވީ ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް ފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދީ ގައުމުގެ ކަންކަން ކުރިއެރުވުމަކީ ވެރިކަމުގައި ހުންނަ މީހެއްގެ މައްޗަށް ގާނޫނުއަސާސީން ލާޒިމުކުރާ ކަންކަން ކަމަށެވެ.
ރައީސް ޔާމީނުގެ ސަރުކާރުން މަޝްރޫއުތައް ހިންގަނީ ގާނޫނުގައިވާ ގޮތަށް ނޫންކަމަށާއި ގާނޫނުގައި އޮންނާނީ މަޝްރޫއުތަކަށް ހިނގާ ޚަރަދުގެ ފުރިހަމަ ތަފްސީލުތައް ދީގެން މަޖިލީހުން ފާސްކޮށްގެން ކުރުމަށް ކަމަށް ގާސިމް ވިދާޅުވިއެވެ. އެކަމަކު ގާނޫނުއަސާސީއަށް ބަދަލު ގެނެސް އެކަންކަންވެސް ބަދަލުކޮށް ހުރިހާ ބާރުތަކެއް ޔާމީނުގެ އަމިއްލަ މުށުތެރެއަށް ލާފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުވެސް މިސަރުކާރުން ހިންގަނީ ދެ ގުނަ ބޮޑު އަގުގައި ކަމަށެވެ. އެ މަޝްރޫއަށް ގިނަވެގެން ޚަރަދުވާނީ 700 ވަރަކަށް މިލިއަން ޑޮލަރު ކަމަށްވިޔަސް ސަރުކާރުން އެކަން އެކުރަނީ ދެގުނަ ބޮޑުކޮށް 1400 މިލިޔަނަށް ކަމަށް ގާސިމް ވިދާޅުވިއެވެ.
މާލޭގައި އިމާރާތް ކުރެވުނު ދަރުމަވަންތަ ހޮސްޕިޓަލަށް ކުރަމުން ގެންދާ އިސްރާފަށް އިޝާރާތް ކުރައްވަމުން ގާސިމް ވިދާޅުވީ އެ ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ދުނިޔޭގެ އެންމެ ރަނގަޅު ފެންވަރުގައި ތަކެތި އުފައްދާ ޖަރުމަން ވިލާތުން ގެންދިޔަނަމަވެސް ޚަރަދުވާނީ އެންމެ 30 މިލިއަން ޑޮލަރު ކަމަށްވާއިރު މިއިވެނީ އޭގެ ދެގުނަޔަށްވުރެވެސް ބޮޑުކޮށް 70 މިލިއަން ޑޮލަރު ޚަރަދުކުރާ ވާހަކަ ކަމަށެވެ.
މިފަދަ ގިނަ ސަބަބުތަކެއް ހުރުމުން އަދި މިސަރުކާރުގެ އަނިޔާވެރިކަމާއި ވައްކަމާއި ކޮރަޕްޝަނާއި އެނޫންވެސް ޤާނޫނާއި ޚިލާފަށް ކުރާ ކަންކަމުގެ ސަބަބުން ރައްޔިތުންނަށް ލިބިފައިވާ ގެއްލުމާއި އަނިޔާއަށް ބަލައިފިނަމަ ރައީސް ޔާމީނަށް ހަމަ އެންމެ ރައްޔިތަކުވެސް ވޯޓުދޭންޖެހޭ ސަބަބެއް ނެތް ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާނޫނު ލާޒިމުކުރާ ކަންކަން ކޮށްދިނުމަކީ ހެޔޮކަމުން ކޮށްދޭ ކަންކަމެއް ނޫން - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ