ޖަރުމަނުގެ ސްކޫލުތަކުގައި މުސްލިމުކުދިންނަށް ނަމާދުކުރެވޭނެގޮތް ހެދުމަށް ކޯޓުން ވަކިގޮތެއް ނިންމަނީ
ޖަރުމަނުގެ ސްކޫލްތަކުގައި މުސްލިމް ކުދިންނަށް ނަމާދުކުރެވޭނޭ އިންތިޒާމް ހަމަޖައްސައިދީ އެކުދިންނަށް ނަމާދުކުރުމަށް ފުރުސަތު ދިނުމަށް އެޤައުމުގެ ފެޑެރަލް އެޑްމިނިސްޓްރޭޓިވް ކޯޓުން މިއަދު ނިންމާނެކަމަށް ޖަރުމަނުގެ ނޫސްތަކުން ހާމަކޮށްފިއެވެ.ޖަރުމަނުގެ ފެޑެރަލް އެޑްމިނިސްޓްރޭޓިވް ކޯޓުން މިކަމަށް ގޮތެއް ނިންމަން ގަސްދުކޮށްފައިވަނީ ބަރލިންގެ ސްކޫލެއްގައި ކިޔަވާ 14 އަހަރުގެ މުސްލިމް ދަރިވަރެއް ކަމުގައިވާ ޔޫނުސް އެމް އެސްކޫލުގެ ކޮރިޑޮރގައި ޢަޞްރު ނަމާދުކުރުމުން އެކަން އެސްކޫލުން މަނާކުރުމާއި ގުޅިގެން ކޯޓަށް ހުށަހެޅުނު މައްސަލައެއްގެ ދަށުންނެވެ.ޖަރުމަނުގެ ސްކޫލުތަކުގައި މުސްލިމުން ނަމާދުކުރަމުން ދިޔަ ނަމަވެސް އެޤައުމުގެ ކޯޓުން މިކަމަށް ޙުކުމެއް ކަނޑައަޅަން ނިންމާފައިވާ މިއީ ފުރަތަމަ ފަހަރެވެ.“އަހަރެންނަށް ހީވަނީ ދެފަރާތުންވެސް ވަނީ މިމައްސަލަ ބޮޑުކޮށްފައިހެން. މިހާރު މިމައްސަލައިގެ އެންމެ ފަހު މަރްހަލާގައ މިތިމީ. އެހެންވެ މިހާރު މިވަނީ މިކަންތައް ބޮޑު ސިޔާސީ ކޯޅުމަކަށްވެފަ،” ޖަރުމަނުގެ ސެންޓްރަލް ކައުންސިލް އޮފް މުސްލިމްގެ އިސްވެރިއެއް ކަމުގައިވާ އައިމަން މަޒްޔެކް ވިދާޅުވިއެވެ.ޖަރުމަނުގެ ޤާނޫނު ބުނާގޮތުން އެޤައުމުގައި ވަކި ދީނަކަށް ވަކިގޮތެއް ހަދައިގެން ނުވާނެއެވެ. ނަމަވެސް ސްކޫލްތަކުގައި ކިޔަވާ މުސްލިމު ދަރިވަރުންދަނީ މިޤާނޫނީ މިނިވަންކަމުގެ ނާޖާއިޒް ފައިދާ ނަގަމުންކަމަށް ސްކޫލްތައް “އިސްލާމައިޒް” ކުރަންކަމަށް ބަރލިންގެ ހައްދުފަހަނައާޅާފައިވާ ނަޞާރާއިންގެ ޔުނިވަރސިޓީއެއްގެ އިސްވެރިއެއްކަމުގައިވާ ރަލްފް ގަޑްބަން ބުނެފައިވެއެވެ.“މިފަދަ ދީނީކަންކަން ބޮޑެތި ސިޔާސީ ކޯޅުންތަކަށް ގިނަފަހަރު ހެދުމުގެ ފަހަތުގައިވަނީ އިސްލާމްދީނަށާއި މުސްލިމުންނަށް ފުރައްސާރަކުރުމުގައި ކެނޑިނޭޅި މަސައްކަތްކުރަމުންދާ މީހުން،” މުސްލިމް ކައުންސިލުން މަޒްޔެކް ހާމަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ