ޝަރުއީ ދާއިރާގައި މިހާރު އޮންނަ ރަސްމީ މަސައްކަތު ވަގުތުން އެއް ގަޑިއިރު މަދުކޮށް، މާދަމާ އިން ފެށިގެން ދުވާލަކު ހަ ގަޑިއިރު މަސައްކަތް ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވަނީ ޝަރުއީ ދާއިރާގެ ރަސްމީ މަސައްކަތު ގަޑިއަކީ މާދަމާ އިން ފެށިގެން ހެނދުނު 8:00 އިން މެންދުރު ފަހު 2:00 އަށް ކަމަށް ސުޕްރީމް ކޯޓުން ހަމަޖައްސާފައިވާ ކަމަށެވެ.
މި ބަދަލާ އެކު ޝަރުއީ ދާއިރާގެ މުވައްޒަފުން މަސައްކަތް ކުރާނީ، ސިވިލް ސާވެންޓުންނާ އެއް ވަރަށް ރަސްމީ ކޮންމެ ދުވަހަކު ހަ ގަޑި އިރެވެ. ކުރިން ޝަރުއީ ދާއިރާގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8:00 އިން މެންދުރު ފަހު 3:00 އަށެވެ.
ޑީޖޭއޭ އިން މިއަދު ނެރުނު އެންގުމުގައި ބުނެފައިވަނީ މަސައްކަތު ގަޑި އަށް ބަދަލު ގެނައުމުން، ވަޒީފާއާ ބެހޭ ގާނޫނު ބުނާ ގޮތުން ކޮންމެ މުވައްޒަފަކަށް ވެސް މެންދުރު ފަހު 12:00 އިން 1:00 އާ ދެމެދު 30 މިނެޓުގެ ހުސް ވަގުތުކޮޅެއް ދޭން ޖެހޭނެ ކަމަށެވެ. އަދި ކޯޓާއި އިދާރީ މަސައްކަތް މެދުނުކެނޑި ހިނގާނެ ގޮތެއްގެ މަތިން ހުސް ވަގުތުތައް ހަމަޖެއްސުމަށް ވެސް އެދިފައިވެ އެވެ.
ރަސްމީ މަސައްކަތު ގަޑި އަށް ބަދަލުގެނައި ނަމަވެސް، ޝަރުއީ ދާއިރާގައި ޑިއުޓީ އުސޫލުން މަސައްކަތް ކުރާ މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑިއަކީ އެ މުވައްޒަފަކު ޑިއުޓީކުރަން ހަމަޖެހިފައިވާ ވަގުތު ކަމަށް އެ އެންގުމުގައި ބުނެފައިވވެ އެވެ.
"ވީމާ، އޮގަސްޓް 01، 2018 ވަނަ ދުވަހުން ފެށިގެން ޝަރުއީ ދާއިރާގެ ކޯޓުތަކާއި އިދާރާތަކުން މި ބަދަލާ އެއްގޮތަށް އަމަލުކުރައްވަމުން ގެންދިއުމަށް ދެންނެވީމެވެ،" އެންގުމުގައި ވެ އެވެ.
ޝަރުއީ ދާއިރާގެ ރަސްމީ މަސައްކަތު ގަޑި ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ